Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ޕެލެސް އިން ފަހު ވަގުތު ޔުނައިޓެޑް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި މެޗުން މޮޅުވެގެން ލީގުގެ ދެވަނަ އަށް ޔުނައިޓެޑަށް އެރެން އޮތްއިރު ރޭގެ މެޗު އެއްވަރުވުމުން ޔުނައިޓެޑް އޮތީ 39 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވެސް ހަމަ އެދަދަށް ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި 47 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.

ޕެލެސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 43 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެށް ލީޑު ނަގާދީފަ އެވެ. ކްރިސްޓަން އެރިކްސަން ދިން ޕާހަކުން މި ގޯލް ބްރޫނޯ ކާމިޔާބު ކުރީ ޕެލެސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ހާފްގައި ޕެލެސް އިން ޔުނައިޓެޑްގެ ފަހަތަށް ބާރުބޮޑު ކުރަމުންދިޔައިރު އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުންނެވެ. ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން ގޯލަށް ފޮނުވާލައިގެން ޕެލެސް އަށް ނަތީޖާ އެއްވަރުކޮށްދިނީ އޮލީސޭ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ މެޗުން މޮޅުވާން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މިއީ ޔުނައިޓެޑުން ބަލިނުވެ ހަމަކުރި 11 ވަނަ މެޗު ކަމަށްވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އާސެނަލްއާ އެވެ. އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޔުނައިޓެޑްގެ މިޑްފީލްޑަރު ކަސެމެއިރޯ އަށް ނުކުޅެވޭނެ އެވެ.