ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ޔުކްރޭންގެ އިންޓީރިއާ މިނިސްޓަރު ޑެނީސް މޮނާސްޓިރިސްކީ އާއި ސަރުކާރުގެ އިތުރު އޮފިޝަކުންތަކެއް އަވަހާރަވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެގެ މި ހާދިސާގައި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ޔުކްރޭންގެ ބްރޮވެރީ ސިޓީގެ ނާސަރީ ސްކޫލެއްގެ ކައިރިއަށެވެ. ހެލިކޮޕްޓަރު ވެއްޓި 14 މީހަކު މަރުވި އިރު، މި ހާދިސާއާ 25 މީހަކު ޒަހަމްވެފައިވެ އެވެ. އޭގެ ތެރޭގައި 11 ކުއްޖަކު ވެސް ހިމެނެ އެވެ.
އިންޓީރިއާ މިނިސްޓަރާ އެކީ އަވަހާރަވި ސަރުކާރުގެ އޮފިޝަލުންގެ ތެރޭގައި ފަސްޓް ޑެޕިއުޓީ މިނިސްޓަރު ޔެވްހެނީ ޔެނިން އާއި ސްޓޭޓް ސެކްރެޓަރީ ޔޫރީ ލުބްކޮވިޗިސް ހިމެނެ އެވެ.
އިންޓިރިއާ މިނިސްޓަރު އަވަހަރާވުމާ ގުޅިގެން ވަގުތީ ގޮތުން އެ މަގާމަށް މިހާރު ވަނީ ފުލުހުންގެ ވެރިޔާ އިހޯ ކްލިމެންކޯ އައްޔަންކޮށްފަ އެވެ.
ހެލިކޮޕްޓަރެއް ވެއްޓި ޔުކްރޭންގެ ސަރުކާރުގެ ޒުވާން އިސް އޮފިޝަލެއް އަވަހާރަވި އިރު، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެ ގައުމު އޮތީ ހަނގުރާމައެއްގެ ތެރޭގަ އެވެ. ނަމަވެސް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ ރަޝިއާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ޔުކްރޭން ސަރުކާރުން ނުބުނެ އެވެ.
ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ގައުމުގެ އެތެރޭގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުމށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.