Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

ކުދި ރަށްތަކުގައި ވެސް ތިބީ ރައްޔިތުން، ބާކީ ނުކުރާނަން

ކުދި ރަށްތަކުގައި ވެސް ތިބީ ރައްޔިތުން ކަމަށާއި އެ ރައްޔިތުން ބާކީ ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މިއަދު ށ.މިލަންދޫގައި ބޭއްވި ކެމްޕެއިން އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރުތެރޭ ށ.އަތޮޅަށް 236 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށާއި އެގޮތުން މިލަންދޫ އަށް 106 މިލިއަން، ނަރުދޫ އަށް 30 މިލިއަން އަދި ފީވަކަށް 100 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ.

ބައެއް ބޭފުޅުން މިއީ ބޭކާރު ހަރަދެކޭ ވިދާޅުވެދާނެ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ފީވަކުގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އެއީ، ޓެކްސް ދައްކާ. ކީއްވެގެންތޯ އެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބެންވީ؟ ސިއްހީ ހިދުމަތް ނުލިބެންވީ؟ ދަތުރުފަތުރުގެ ހިދުމަތް ނުލިބެންވީ ކީއްވެގެންތޯ؟ އަޅުގަނޑުމެންނެއް އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް ބާކީ ކުރުމެއް ނޯންނާނެ. އަޅުގަނޑުމެން ދާނީ އެންމެންނާއެކު ކުރިއަށް." ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މި ސަރުކާރުން ތަރައްގީގެ މަސައްކަތް ކުރިއަށްގެންދާތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު ކެމްޕެއިންގައި ރައީސް މިވަގުތު ހުންނެވީ ށއަތޮޅުގަ އެވެ. އަދި ނަޝީދު ކެމްޕެއިންގައި ހުންނެވީ ހުވަދު އަތޮޅުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.