Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ސިޓީން ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި މެންޗެސްޓާ ސިޓީން 4-2 އިން ޓޮޓެންހަމް ބަލިކޮށްފި އެވެ.

މި މޮޅާއެކު ސިޓީން މިހާރު ވަނީ އެއްވަނައިގައި އޮތް އާސެނަލްއާ ފަސް ޕޮއިންޓާ ގާތަށް ޖެހިލާފަ އެވެ. ލީގުގެ ދެވަނައިގައި 42 ޕޮއިންޓާ އެކު ސިޓީ އޮތްއިރު އެއްވަނައިގައި އާސެނަލް އޮތީ 47 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ 33 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ޓޮޓެންހަމުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން މި ދެ ގޯލު ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކަމަށްވާއިރު ސިޓީގެ ފަހަތަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓޮޓެންހަމްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ކުލުސެވްސްކީ އެވެ. އަދި އޭގެ މާގިނަ އިރުތަކެއް ނުވަނީސް އެމަސަން ރޯޔަލް ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޓޮޓެންހަމުން ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ސިޓީން ވަނީ ކައިރިކައިރީގައި ދެ ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ދެ ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ދެ ފޯވާޑުން ކަމަށްވާ އާލިންގް ހާލަންޑް އާއި ޖޫލިއަން އަލްވަރޭޒް ކަމަށްވާއިރު މި ގޯލު ކާމިޔާބުކޮށްފައިވަނީ ދެ މިނެޓްގެ ތެރޭގަ އެވެ.

ނަތީޖާ އެއްވަރުކުރުމަށްފަހު ސިޓީން ދިޔައީ ކައިރިކައިރީގައި ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 63 ވަނަ މިނެޓްގައި ރިޔާދް މަހްރޭޒް ވަނީ ސިޓީ އަށް ލީޑު ނަގާދީފަ އެވެ. އަދި ޓޮޓެންހަމްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސިޓީގެ ހަތަރުވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް މަހްރޭޒް އެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ވުލްވްސްއާ އެވެ. ޓޮޓެންހަމް ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.