Last Updated: April 19, 11:14
Friday, April 19, 2024
މުނިފޫހިފިލުވުން

ނެޓްފްލިކްސްގެ ސީއީއޯ މަގާމު ދޫކޮށްލަނީ

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސްގެ ސީއީއޯ ރީޑް ހެޒްޓިންސް މަގާމު ދޫކޮށްލައްވަން ނިންމައިފި އެވެ.

އޭނާ ކުންފުނީގެ އިސް އެންމެ މަގާމާ ފެއަށް ޖެހިވަޑައިގަންނަވާ އިރު، 1997 ގައި ނެޓްފްލިކްސްގެ ވުޖޫދަށް ގެނައުމުގެ އެންމެ ބާނީ އަކީ ރީޑް އެވެ. އޭނަ ސީއީއޯގެ މަގާމު ދޫކޮށްލައްވާ އިރު، މިދިޔަ އަހަރުގެ ތެރޭގައި ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދަށް އައި ބޮޑު ވެއްޓުމުން މިހާރު ވަނީ ވަރަށް އަރައި ގަނެވި، ކުންފުނީގެ ފައިދާ ވެސް އިތުރުވާން ފަށައިފި އެވެ.

މިދިޔަ އަހަރު ނިމުނު އިރު، ކުރިން އަންދާޒާ ކުރި ގޮތާ ހިލާފަށް ނެޓްފްލިކްސް އަށް ހަތް މިލިއަން ސަބްސްކްރައިބަރުން ލިބިފައިވެ އެވެ. އެހެންވެ ކުންފުނީގެ ކުރިމަގު މިހާރު އޮތީ އުޖާލާކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނެޓްފްލިކްސް އަށް ކުރިމަތިވި ވެއްޓުމުން އަރައިގަތުމުގައި އެ ޕްލެޓްފޯމުން ދާދި ފަހުން ގެނެސްދިން މަގުބޫލު ބައެއް ކޮންޓެންޓްތައް އިސް ރޯލެއް އަދާކުރި އެވެ. އޭގެ ތެރޭގައި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުމަންޓަރީ ސީރީޒް "ހެރީ އެންޑް މޭގަން" އާއި ސުޕަނެޗްރަލް ކޮމެޑީ ސީރީޒް "ވެނިޒްޑޭ" ގެ އިތުރުން ޑެނިއަލް ކްރެއިގްގެ "ނައިޓްސް އައުޓް" ގެ ސީކްއެލް "ގްލާސް އަނިއަން" ހިމެނެ އެވެ.

ނެޓްފްލިކްސްގެ ސީއީއޯގެ މަގާމު ރީޑް ދޫކޮށްލެއްވި ނަމަވެސް ކުންފުނީގެ ޗެއާމަންގެ މަގާމުގައި އޭނަ ދެމިހުންނަވާނެ އެވެ.

އެ ކުންފުނީގެ ކޯ-ސީއީއޯ އަކީ ޓެޑް ސެރަންޑޯސް އެވެ. އެ މަގާމަށް އޭނަ ހަމަޖެއްސޫ 2020 ގެ ޖުލައިގެ ތެރޭގަ އެވެ.