Last Updated: July 1, 23:03
Wednesday, July 2, 2025
ދުނިޔެ

ބަދަލު ދޭން އަތަކު ފައިސާއެއް ނެތް

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ސްރީ ލަންކާގައި އީސްޓަ ސަންޑޭގައި ދިން ހަމަލާއާ ގުޅިގެން ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ 100 މިލިއަން ރުޕީސްގެ ބަދަލެއް ދޭން ކޯޓުން ހުކުމްކުރި ނަމަވެސް އެ ބަދަލު ދެވޭވަރުގެ ތަނަވަސް ނެތް ކަމަށް ވިދާޅުވެއްޖެ އެވެ.

ބަދަލު ދޭން ސިރިސީނާ އަށް ލަންކާގެ ސުޕްރީމް ކޯޓުން ހުކުމްކުރީ މި މަހުގެ މި މަހުގެ 12 ވަނަ އެވެ.

އެކަމާ ގުޅިގެން އޭނާ ވިދާޅުވީ 100 މިލިއްން ރުފީސްގެ ބަދަލެއް ދެވޭ ވަރުގެ ތަނަވަސް ކަމެއް ނެތް ކަމަށެވެ. އެހެންވެ ބަދަލަށް ދޭން ޖެހޭ ފައިސާ އެއްކުރަން އާއިލާ އާއި ގާތް ރައްޓެހިންގެ ފަރާތުން އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ސިރިސޭނާ ވިދާޅުވީ އޭނަ ހުންނެވީ މަގުމައްޗަށް ނުކުމެވަޑައިގެން ސަލާން ޖަހަން ވެސް ތައްޔާރަށެވެ.

މި ހަފުތާގައި ލަންކާ މަޝްހޫރު ޔޫޓިއުބާއެއް ކަމަށްވާ ސުދާތާ ތިލަކްސިރީ ސިރިސީނާ އަށް އެހީވާން މަގުމަތީގައި "ސަލާން ޖަހައިގެން" އެއްކުރި ފައިސާ ވެސް ހަވާލުކޮށްފައިވެ އެވެ. ކޮލޮމްބޯގެ މަގުތަކުން އޭނަ އަށް އެއްކުރެވުނީ 1،810 ރުޕީސް އެވެ. އެ ފައިސާ ސިރިސީނާއާ ހަވާލުކުރުމުން ޝަކުރު ވެސް އަދާކުރައްވައި އެއީ މިހާތަނަށް ބަދަލު ދައްކަން އެހީގެ ގޮތުގައި ލިބުނު ފުރަތަމަ ފައިސާކޮޅު ކަމަށް ވިދާޅުވި އެވެ.

ސިރިސީނާ އަށް ބޮޑު އަދަދަކުން ބަދަލުދެއްވަން ޖެހިވަޑައިގެންނެވީ އެޕްރީލް 21، 2019 ގައި ފައްޅިތަކަކާއި ހޮޓާތަކަކަށް ހަމަލާދީ 350 އެއްހާ މީހުން މަރާލި ހާދިސާއާ ގުޅިގެން ބަދަލު ހޯދަން އާއިލާތަކުން ސިރިސޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން ކުރި ދައުވާ ސާބިތުވެ އެވެ. ދައުވާ ސާބިތުވި އިރު، ރައީސްގެ ހައިސިއްޔަތުންނާއި އޭރު ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ސިރިސޭނާ މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ޖާސޫސީ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހަމަލާ ދިނުމުގެ 17 ދުވަސް ކުރިން އިންޑިއާގެ އިންޓަލިޖެންސުން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމަށް ލަންކާ ސަރުކާރަށް އަންގާއިފައިވެ އެވެ. އަދި ހަމަލާއާ ގުޅިގެން އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހެއްގެ ފަރާތުން އިންޑިއާގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތު ސިރިސޭނާ އަށް ވެސް ފޯރުކޮށް ދީފައިވެ އެވެ.

ސިރިސޭނާގެ އިތުރުން ސަލާމަތީ ބާރުތަކުގައި އޭރު އިސްކޮށް މަސައްކަތްކުރެއްވި ބަޔަކު ވެސް ބަދަލު ދޭން ހުކުމްކޮށްފައިވެ އެވެ. އެގޮތުން އޭރު ފުލުހުންގެ އިނިސްޕެކްޓަ ޖެނެރަލް (އައިޖީޕީ) ގެ މަގާމުގައި ހުރި ޕުޖިތު ޖަޔަސަންދްރަ 75 މިލިއަން ރުޕީސް، އޭރުގެ ޑިފެންސް ސެކްރެޓަރީ ހެމާސްރީ ފެނާންޑޯ 50 މިލިއަން ރުޕީސް އަދި ނެޝަނަލް އިންޓެލިޖެންސްގެ ވެރިޔާ ސިސިރާ މެންޑިސް އާއި ސްޓޭޓް އިންޓެލިޖެންސްގެ ވެރިޔާ ނިލަންތާ ޖަޔަވަރުދަނާ މިއިން ކޮންމެ މީހަކު 10 މިލިއަން ރުޕީސް ދޭން ހުކުމްކޮށްފައިވެ އެވެ.