Last Updated: April 20, 08:46
Saturday, April 20, 2024
ދުނިޔެ

އަލްފަބެޓުން 12،000 މުވައްޒަފުން މަދު ކުރަނީ

ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ މެދު ތެރޭގައި ގޫގުލް އަށް މުވައްޒަފުން ނެގުން މެދުކަނޑާފައި ވަނިކޮށް، އެ ހިންގާ ކުންފުނި އަލްފަބެޓުން 12،000 މަދުކުރަން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ކުންފުނީގެ ސީއީއޯ ސުންދަރު ޕިޗާއީ މުވައްޒަފުންނަށް މިއަދު ފޮނުއްވި އީމެއިލެއްގަ އެވެ. އަލްފަބެޓުން މުވައްޒަފުން މަދުކުރަން ނިންމާފައި ކުންފުނީގެ އެކި ހިދުމަތްތަކާއި އެކި ހިސާބުތަކުންނެވެ. އެގޮތުން 12،000 މުވައްޒަފުން މަދުކުރުން ވާނީ އަލްފަބެޓްގެ މުވައްޒަފުންގެ ނިސްބަތުން ހަ ޕަސެންޓްގެ ދަށްވުމަށެވެ.

މުވައްޒަފުން މަދުކުރަން ނިންމި އިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި އަލްޕަބެޓަށް 50،000 މުވައްޒަފުން އިތުރުވެފައިވެ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 186،770 އަށް ވުރެ ގިނަ އެވެ.

އަލްފަބެޓުން ބުނީ 12،000 މުވައްޒަފުން ދޫކޮށްލާ އިރު އެ މީހުންނަށް 60 ދުވަހުގެ މުހުލަތެއް ލިބޭނެ ކަމަށާއި ހަ ހަފުތާގެ މުސާރަ ވެސް ހަމަޖައްސައި ދޭނެ ކަމަށް ބުނެފައިވެ އެވެ.

ސީއީއޯ މުވައްޒަފުންނަށް ފޮނުއްވި އީމެއިލްގައި ވިދާޅުވީ ފާއިތުވި ދެ އަހަރު ކުންފުންޏަށް ބޮޑު ކުރިއެރުމެއް އައި ނަމަވެސް ކުންފުނި މިހާރު އޮތް ހާލަތު ދަމަހައްޓަން މުވައްޒަފުންތަކެއް މަދުކުރަން ޖެހޭ ކަމަށެވެ. މިއީ އަލްފަބެޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ދާއިރާތަކަށް މިހާރު ވަރަށް ބޮޑަށް ފޯކަސްކޮށްކޮށްފައިވާތީ އެ ދާއިރާ އަށް ދެވޭ ސަމާލުކަން ބޮޑުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު މައިކްރޮސޮފްޓުން ވަނީ އެތަނުން 10،000 މުވައްޒަފުން ނިންމިކަން ވެސް އިއުލާންކޮށްފި އެވެ. މުވައްޒަފުން މަދުކުރި ކުންފުނިތަކިގެ ތެރޭގައި އެމެޒޯން، މެޓަ، ނެޓްފްލިކްސް، ޓްވިޓާ އަދި ޑިޒްނީ ފަދަ ކުންފުނިތައް ހިމެނެ އެވެ.