Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

އަލްވެސް ހައްޔަރުކޮށް، ޖަލަށް

ބްރެޒިލްގެ ފުޓްބޯޅަ ތަރި ޑަނީ އަލްވެސް ހައްޔަރުކޮށް ޖަލަށް ލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 39 އަހަރުގެ ކުޅުންތެރިޔާ ހައްޔަރުކުރީ ސްޕެއިންގެ ބާސެލޯނާގެ ނައިޓް ކުލަބެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އަލްވެސް ޖަލަށް ލާން ސްޕެއިންގެ ކޯޓަކުން އަމުރުކުރީ އިއްޔެ އެވެ.

އޭނަގެ މައްޗަަށް ޖިންސީ ގޯނާކުރި އަންހެން މީހާ ބުނެފައިވާ ގޮތުގައި ގަދަކަމުން އަލްވެސް އޭނަގެ ގަޔަށް އަތްލައި ބެހުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ ހާދިސާ ހިނގީ ރައްޓެހިންތަކަކާ އެކީ ނައިޓް ކުލަބަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށާއި ގަދަކަމުން ގަޔަށް އަތްލުމުން އެ މައްސަލަ ވަގުތުން ނައިޓް ކުލަބްގެ ސެކިއުރިޓީން މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރި ކަމަށް އަންހެން މީހާ ބުންޏެވެ. އަދި އެ މައްސަލަ ރަސްމީކޮށް އޭނަ ފުލަހަށް ހުށަހެޅީ މި މަހުގެ 2 ގަ އެވެ.

އަލްވެސް ހައްޔަރުކޮށް ޖަލަށްލުމާ ގުޅިގެން އޭނަގެ ކުޅެމުން އައި މެކްސިކޯގެ ކުލަބް ޔުނަމް އިން ވަނީ ކުޅުންތެރިޔާގެ އެގްރީމަންޓް ބާތިލުކޮށްފަ އެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނި ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް އެއްވެސް ކަހަލަ ނޭދެވޭ ކަމެއްގެ ތުހުމަތުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކުލަބުން ބުނީ ކުޅުންތެރިން ވާން ޖެހޭނީ ނަމޫނާ ބަޔަކަށް ކަމަށާއި އަލްވެސް އަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިން ވެސް ޓީމްގެ ހަރަކާތްތަކުން އޭނަ އެކަހެރިކޮށްފައިވާ ކަމަށެވެ.

ދެ ދަރިން ވެސް ތިބި އަލްވެސް ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަކުރި އިރު އޭނަގެ މިހާރުގެ އަންހެނުންނަކީ ޖޮއާނާ ސަންޒެވެ. މިއީ އަލްވެސްގެ ދެވަނަ ކައިވެންޏެވެ. އޭނަގެ ފުރަތަމަ އަންހެނުންނަކީ ޑިނޯރާ ސަންޓާނާ އެވެ. ދެހާސް އަށެއްގެ އެ ކައިވެނި ރޫޅުނީ 2011 ގަ އެވެ.