ނިއު ޒީލޭންޑްގެ މިހާރުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އަންނަ މަހު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާތީ ދެން އެ މަގާމަށް ވަޑައިގަންނަވާނީ ގާނޫނު ހަދާ މަލީހުގެ މެމްބަރު ކްރިސް ހިޕްކިންސް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮޑުވަޒީރުގެ މަގާމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ލޭބަ ޕާޓީގެ ތެރޭގައި އޮތް ހަމައެކަނި ނަމަކީ ވެސް ޒުވާން އެމްޕީގެ ނަމެވެ. އުމުރުން 44 އަހަރުގެ ކްރިސް އަކީ މިހާރު އެޑިއުކޭޝަން މިނިސްޓަރާއި ޕޮލިސް މިނިސްޓަރުގެ އިތުރުން ޕަބްލިކް ސާވިސް މިނިސްޓަރު ވެސް މެ އެވެ. ދެހާސް ވިހީގައި ކޮވިޑް މިނިސްޓަރަކަށް ވެސް ކްރިސް ހަމަޖެއްސި އެވެ.
އޭނަ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ 2008 ގަ އެވެ.
ދެހާސް ސަތާރަ އިން ފެށިގެން ނިއު ޒީލެންޑްގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ޖަސިންޑާ، 42، އިތުރު ދައުރަކަށް ވާދަ ވެސް ނުކުރައްވަން ނިންމަވައި މަގާމުން ދޫކޮށްލައްވަން ނިންމެވިކަން އިއުލާންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އަންނަ މަހުގެ 7 ގެ ކުރިން އޭނަ މަގާމު ދޫކޮށްލައްވާނެ އެވެ.
ޖަސިންޑާ އިސްތިއުފާ ދެއްވާތީ އާންމު އިންތިހާބާ ހަމައަށް ދެވެންދެން އާ ބޮޑުވަޒީރަކު ކަނޑައެޅުން ލޭބާ ޕާޓީގެ ކުރިމަތީގައި އޮތް އިރު، އާންމު އިންތިހާބު ބާއްވަން ނިންމާފައި އޮތީ އޮކްޓޯބަރު 14 ގަ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އާ ބޮޑުވަޒީރަކަށް ކްރިސް އައްޔަންކުރަން އެންޑޯސްކުރުމާ މެދު މާދަމާ ލޭބާ ޕާޓީން ގޮތެއް ނިންމާނެ އެވެ. އޭގެ ފަހުން އެކަން ގާނޫނު ހަދާ މަޖިލީހުން ގޮތެއް ކަނޑައަޅާނެ އެވެ.