Last Updated: July 3, 09:07
Thursday, July 3, 2025
ޚަބަރު

މޯލްޑިވިއަންގެ އާ ބޯޓްގެ ދަތުރުތައް ފަށައިފި

މޯލްޑިވިއަންގެ އާ ބޯޓް - ފޮޓޯ: އައްޑޫލައިވް

ގައުމީ އެއާލައިން، މޯލްޑިވިއަން އަށް އަލަށް ގެނައި އޭޓީއާރު މަރުކާގެ ފުރަތަމަ ބޯޓުގެ ފުރަތަމަ ދަތުރު އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކޮށްފި އެވެ.

މޯލްޑިވިއަންގެ މި އާ ބޯޓަކީ އޭޓީއާރް 72-600 މަރުކާގެ ބޯޓެކެވެ. މި ބޯޓު އައްޑޫ އަށް އައިސްފައިވަނީ 66 ފަސިންޖަރުންނާއެކު އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ އާ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަލަށް ގެނައި ދެ ބޯޓު ވެސް އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ހުރިހާ މަންޒިލަކަށް ދަތުރުކުރާނެ ކަމަށެވެ. އަދި ދެވަނަ ބޯޓުގެ ދަތުރު ހަފްތާއެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް މިހާދު ވިދާޅުވި އެވެ.

މޯލްޑިވިއަނުން އާ ދެ ބޯޓު ރާއްޖެ ގެނައީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. މި ދެ ބޯޓަކީ 70 ފަސެންޖަރުންގެ ޖާގައިގެ ދެ ބޯޓެވެ. މި ދެ ބޯޓަކީ ވެސް ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދުވެސް ކުޑަ ދެ ބޯޓް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަލަށް ގެނައި އޭޓީއާރްް މަރުކާގެ ދެ ބޯޓުގެ އިތުރުން، އެތެރޭގެ އުދުހުންތަކަށް އިތުރު ބޯޓެއް ވެސް ގެންނަން ހަމަޖެހިފައިވެ އެވެ. އެއީ އޭޓީއާރު 42 މަރުކާގެ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.