Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ކަންޓާރާ" ގެ ޕްރީކްއެލްއެއް ހަދަނީ

އިންޑިއާގެ ދެކުނުގެ ފިލްމުތަކުގެ ވަރުގަދަކަން މި ފަހުން ދައްކަމުން އަންނަ އިރު، މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ކަންނާޑާ އެކްޝަން ތުރިލާ "ކަންޓާރާ" ގެ ޕްރީކްއެލްއެއް ހަދަން ނިންމައިފި އެވެ.

އެކަން ފިލްމުގެ ޕްރޮޑިއުސަރު ވިޖޭ ކިރަގަންދޫރު ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ. އޭނަ ބުނީ "ކަންޓާރާ" ލިޔެ، ޑައިރެކްޓްކޮށް އެ ކުޅުނު ރިޝަބް ޝެޓީ މިހާރު ޕްރިކްއެލްގެ ސްކްރިޕްޓް ލިޔަމުން އަންނަ ކަމަށެވެ. މި ފިލްމަކީ މި އަހަރު އިންޑިއާގެ އިތުރުން އިންޑިއާގެ ބޭރުގެ ބައެއް މާކެޓްތަކުގައި ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.

މި އަހަރުގެ އޮސްކާ އެވޯޑަށް ވެސް "ކަންޓާރާ" ހުށަހަޅާފައިވާ އިރު، މި ފިލްމު ބަލާފައި ބޮލީވުޑްގެ ބައެއް ތަރިން ވެސް ތައުރީފުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަނާއި ކާތިކް އާރިއަން ހިމެނެ އެވެ.

"ކަންޓާރާ" އަކީ 18 ވަނަ ގަރުނުގެ ރަސްކަލަކު ހަމަޖެހުމާއި އުފާވެރިކަން ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ދިމާވާ ޝައުގުވެރި އެތައް ކަމެއް ދައްކުވައި ދިން ފިލްމެކެވެ. އަދި މީގެ ވާހަކަ ތިން ދައުރަކަށް ފިލްމުގައި ދައްކުވައި ދެ އެވެ. އެންމެ 16 ކްރޯޑް ރުޕީސް (2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ކަންޓާރާ" އަކީ ބޮކްސް އޮފީހުގައި 450 ކްރޯޑް ރުޕީސް (56 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

މީގެ ބޮޑު ކާމިޔާބީއާ ގުޅިގެން ފިލްމުގައި ދައްކުވައި ދިން ހާދިސާތަކުގެ ކުރިން ހިނގާފައިވާ ކަންތައްތައް ދައްކުވައި ދޭން ޕްރީކްއެލްއެއް ހަދަން އިއުލާންކުރި އިރު، އަމާޒަކީ އަންނަ އަހަރުގެ އެޕްރީލް/މެއި ހިސާބުގައި ބެލުންތެރިންނަށް ފިލްމު ދޫކޮށްލުން ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

ޔަގީނުން ވެސް މިއީ ވަރަށް ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި އިންތިޒާކުރާ ކުރާނެ ފިލްމަކަށް ވާނެ އެވެ.

އިންޑިއާގެ ދެކުނުގެ ފިލްމުތަކުގެ ވަރުގަދަކަމާއި އެ ފިލްމުތައް ހޯދާ ބޮޑެތި ކާމިޔާބީތަކާ ހެދި މުޅި ދުނިޔެ އަށް މަޝްހޫރު ބޮލީވުޑަށް މިހާރު އޮތީ ފާޑެއްގެ ލަދުވެތިލަކަމަކާ ކުރިމަތިލާން ޖެހިފަ އެވެ.