Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

މިއީ ކުރިން ޖޭލޯ ކުޅެން ބޭނުން ނުވި ފިލްމެއް

މި މަހު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލާ ރޮމޭންޓިކް އެކްޝަން ކޮމެޑީ "ޝޮޓްގަން ވެޑިން" އަކީ އެންމެ ފުރަތަމަ ކުޅެން ބޭނުން ނުވި ފިލްމެއް ކަމަށް އޭގެ ބަތަލާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބުނެފި އެވެ.

ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި މަޝްހޫރު އެކްޓަރު ބެން އެފްލެކްގެ އަންހެނުން ބުނީ އޭނަ އަށް އެ ފިލްމު ހުށަހެޅީ މިދިޔަ އަހަރު ރިލީޒްކުރި "މެރީ މީ" ގެ މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ.

"އެ ފިލްމު މަސައްކަތްކުރަމުން ދަނިކޮށް އަނެއްކާ ވެސް ވެޑިން ފިލްމެއް އޮފާކުރީމަ ހިތަށް އެރީ ނުކުޅޭނަމޭ މިއެއް. އެހެންވެ ޝޮޓްގަން ވެޑިން ސްކްރިޕްޓް އޮތީ ކިޔާލަން ބޭނުން ނުވެފައި،" ލަވަ ކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ޖޭލީ ބުންޏެވެ. "އޭރު އަދި އެއަށް ޑައިރެކްޓަރަކު ވެސް އޮތީ ހަމަނުޖެހި."

އޭނާ ބުނީ ފަހުން ހިޔާލު ބަދަލުވެ "ޝޮޓްގަން ވެޑިން ގައި ހުރީ ކޮން ކަންތައްތަކެއްތޯ ބަލާލަން ސްކްރިޕްޓް ކިޔާފައި ވަނީ ފެންވަރަން ބިލިގާގެ ތެރޭގައި އޮވެގެން ކަމަށެވެ. އަދި އެ ކިޔަމުން ދިޔަ ވަރަށް މަޖާވުމާއި ކެރެކްޓާތަކާ ގަޔާވެވުނު ވަރުން ފިލްމަށް އެެއްބަސްވާން ނިންމީ ކަމަށް ބުންޏެވެ.

"ފަހުން އެންމެ އުފާވި ކަމަކީ މީގެ ޑައިރެކްޓަރަކަށް ޖޭސަމް މޯ ހަމަޖެހުނީމަ. ހިތަށް އެރި މިއީ ވަރަށް މަޖާ ތަޖުރިބާއަކަށޭ ވާނީ. އަނެއްކާ ޝޮޓްގަން ވެޑިން ކާސްޓާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ." ޖޭލޯ ބުންޏެވެ.

މީގެ ބަތަލަކަށް އެންމެ ފުރަތަމަ ނެގީ "ކޯލް މީ ބާއި ޔޯ ނޭމް" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު އާމީ ހޭމާ އެވެ. ނަމަވެސް އޭނަގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން، ފަހުން ފުރުސަތު ދިނީ ޖޯޝް ޑަހަމެލްއަށެވެ.

މި މަހުގެ 27 ގައި އެމެޒޯން ޕްރައިމުން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ޝޮޓްގަން ވެޑިން" ގައި ދައްކުވައި ދޭނީ ޑެސްޓިނޭޝަން ވެޑިންއަކަށް ދާ ބަޔަކު ރަހީނުކުރުމުން އެ މީހުން ސަލާމަތްކުރަން ދެ ލޯބިވެރިޔަކު ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ މަޖާ ހާދިސާތަކެވެ. މީގެ ޑައިރެކްޓަރު ޖޭސަން ކުރިން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި 2015 ގެ "ސިސްޓާސް" އާއި 2012 ގެ "ޕިޗް ޕާފެކްޓް" ހިމެނެ އެވެ.