Last Updated: April 18, 17:05
Thursday, April 18, 2024
ދުނިޔެ

ހަނދަށް ދިޔަ އެސްޓްރޮނޯޓަކު ކައިވެނިކޮށްފި

އެޕޯލޯ 11 ގައި މީގެ 54 އަހަރު ކުރިން ހަނދަށް ކުރި ދަތުރުގައި ބައިވެރިވި އެމެރިކާގެ އެސްޓްރޮނޯޓެއް ކަމަށްވާ ބަޒް އަލްޑްރިން 93 އަހަރުގައި އިތުރު ކައިވެންޏެއްކޮށްފި އެވެ.

އެންމެ ފުރަތަމަ 1969 ގައި ހަނދަށް ދިޔަ ނީލް އާމްސްޓްރޯންގްގެ ފަހުން އެ ޝަރަފު ލިބުނު ދެވަނަ މީހާގެ ގޮތުގައި ތާރީހުން ޖާގަ ހޯދި ދުވަސްވީ އެސްޓްރޮނޯޓް މި ފަހަރު ކައިވެނިކުރީ ކެމިކަލް އިންޖިނިއަރެއް ކަމަށްވާ ޑރ. އަންކާ ފައުރް، 63، އާ އެވެ.

އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ބޭއްވީ ހުކުރު ދުވަހު ލޮސް އެންޖެލިސްގަ އެވެ. އެ ހަފުލާގެ ފޮޓޯތަކެއް ވެސް ބަޒް ޓްވީޓްކޮށް ކައިވެނިކުރި ވާހަކަ ހިއްސާކޮށްފައިވެ އެވެ.

އޭގައި އޭނަ ބުނީ 93 ވަނަ އުފަން ދުވަހު ކައިވެނި ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަންހެނުން އަންކާ އަކީ އޭނަގެ ދުވަސްވީ ބައިވެރިއެއް ކަމަށެވެ. ޑރ. އަންކާ އަކީ ބަޒްގެ ކުންފުނި، ބަޒް އަލްޑްރިން ވެންޗާސްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓެވެ.

ބަޒް އެންމެ ފުރަތަމަ 1954 ގައި ކައިވެނިކުރީ ޖޮއާން އާޝާއާ އެވެ. އޭގެ ފަހުން އޭނަ 1975 ގައި ކައިވެނިކުރީ ބެވަލީ ވޭން ޒިލީއާ އެވެ. އަދި ތިން ވަނަ ކައިވެނި ލޮއިޒް ޑްރިގްސް ކެނަންއާ ކުރީ 1988 ގަ އެވެ. އެ ތިން މީހުން ވެސް މިހާރު ދުނިޔެއަކު ނެތެވެ. ބަޒް އަށް ތިން ދަރިން ލިބިފައިވެ އެވެ. އެއީ ޖޭމްސް އަލްޑްރިން، 67، އާއި، ޖެނިސް އަލްޑްރިން، 61، ގެ އިތުރުން އެންޑްރޫ އަލްޑްރިން އެވެ. މި ތިން ދަރިން ލިބުނީ ބަޒްގެ ފުރަތަމަ ކައިވެންޏަށެވެ.

އެޕޯލޯ 11 ގެ ތިން ފަޅުވެރިން.

ބަޒް އަކީ އެޕޯލޯ 11 ގެ ފަޅުވެރިންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި މީހާ އެވެ. އެ ދަތުރުގެ ފަޅުވެރިންނަކީ ނީލް އާމްސްޓްރޯންގް އާއި ބަޒްގެ އިތުރުން މައިކަލް ކޮލިންސް އެވެ. މައިކަލް ވަނީ 91 އަހަރުގައި 2021 ގައި މަރުވެފަ އެވެ. އަދި ނީލް އާމްސްރޯންސްގް 82 އަހަރުގައި މަރުވީ 2012 ގަ އެވެ.