Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

އީއައިއޭ ފުރިހަމަ ނުކުރުމުން 28 މިލިއަންގެ ޖޫރިމަނާއެއް

އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ. ހުރުއެޅި ބަނދަރުގެ މަސައްކަތް އީއައިއޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމުން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް އީއައިއޭ މަރުޙަލާ ފުރިހަމަ ނުކޮށް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަވުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް ހިއްސާކޮށްދިނުމަށް އެދުމާ ގުޅިގެން ގުޅިގެން 28 ނޮވެމްބަރ 2022 ގައި އެ ފަރާތުން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓުގައި އދ. ހުރުއެޅި ބަނދަރު ތަރައްޤީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ގެ ސަރަޙައްދެއްކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ޤާއިމްކޮށްފައިވާކަމާއި، މި މަސައްކަތުގައި ނެގުނު ވެލިތައް އަލަށް ޤާއިމްކުރެވުނު ބަނދަރާއި އިންވެގެން ބަނދަރުގެ "ކީ ވޯލްގެ" ފަހަތަށް އަޅާފައިވާކަމަށް ބަޔާންކޮށް، އދ. ހުރުއެޅި ބަނދަރުގެ މަސައްކަތްތައް 15 ޖުލައި 2022 ގައި ފަށައި، 30 ސެޕްޓެމްބަރ 2022 ގައި ނިންމާފައިވާކަމަށް އިޢުތިރާފްވެފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

އެގޮތުން އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ. ހުރުއެޅި ބަނދަރުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމާ ގުޅިގެން ޤާނޫނު ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު ގެ ދަށުން 20,000ރ. އިން ޖޫރިމަނާކޮށް އަދި، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28,469,525.00ރ. ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

ޖޫރިމަނާގެ ޖުމްލަ ފައިސާގެ ޢަދަދު ކަމުގައިވާ 28,489,525.00ރ. ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ތެރޭގައި ދެއްކުމަށް ވަނީ އަންގާފަ އެވެ.