Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ފީފާ އިން ލަންކާ ސަސްޕެންޑްކޮށްފި

ތިން ވަނަ ފަރާތްތަކުން ނުފޫޒު ފޯރުވާތީ ފީފާ އިން ފުޓްބޯލް ފެޑެރޭޝަން އޮފް ސްރީލަންކާ (އެފްއެފްއެސްއެލް) ސަސްޕެންޑްކޮށްފި އެވެ.

ފީފާއިން ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަން ސަސްޕެންޑް ކޮށްފައިވަނީ އެ އިދާރާގެ އިންތިހާބަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ވަދެފައިވާތީ އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޫރާ ސޮއި ކުރައްވާ މިއަދު ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 21 ޖެނުއަރީ 2023 އިން ފެށިގެން ފީފާއިން ވަކި ގޮތެއް އަންގަންދެން ފީފާގެ އަސާސީ ގަވާއިދުގެ އާޓިކަލް 16 ވަނަ މާއްދާގެ ދަށުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ފީފާގެ މެމްބަރު އެސޯސިއޭޝަން ތަކަށް ލިބިގެންދާ ހުރިހާ މެމްބަރޝިޕް ރައިޓްސްތައް ލަންކާ އަށް ގެއްލިފައިވާ ކަމަށް ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން ލަންކާއަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފީފާއިން ވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވުމުން، ދާދި ފަހުން އަވައްޓެރި އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަންވެސް ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް ފަހުން އެ ސަސްޕެންޝަން ވަނީ އުވާލާފަ އެވެ.