Last Updated: March 29, 06:30
Friday, March 29, 2024
ކުޅިވަރު

ހާލަންޑަށް ހެޓްރިކެއް، ސިޓީން ފަރަގު ކުޑަކޮށްފި

އާލިންގް ހާލަންޑްގެ ހެޓްރިކުން 3-0 އިން ވުލްވްސް ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ފަރަގު ކުޑަކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ ދެވަނައިގައި ސިޓީ މިހާރު އޮތީ 45 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އާސެނަލް އޮތީ 47 ޕޮއިންޓާ އެކު އެވެ. އާސެނަލް މިރޭ ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބު ކުރީ 40 ވަނަ މިނެޓްގަ އެވެ. ކެވިން ޑިބްރޭނާ ވުލްވްސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. އަދި މެޗުގެ 50 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސިޓީގެ ދެވަނަ ގޯލުވެސް ހާލަންޑް ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނެޓްފަހުން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މި ތިން ގޯލަށްފަހު ވެސް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ސިޓީން ވަނީ ތަނަވަސްކޮށްފަ އެވެ.

މި މެޗުގައި ހެދި ހެޓްރިކާއެކު ލީގުގައި ހާލަންޑް ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 25 އަށް އަރާފަ އެވެ. އަދި މިއީ ލީގުގައި އޭނާ ހެދި ހަތަރުވަނަ ހެޓްރިކެވެ.

ލީގުގައި ސިޓީން ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ އެވެ.