Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ރޮނާލްޑޯގެ ފުރަތަމަ މެޗުން އަލް ނަސްރު މޮޅުވެއްޖެ

ސައުދީ އަރަބިއްޔާގެ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި އިއްތިފާގު އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ކެޕްޓަންކަން ވެސް ކުރީ ރޮނާލްޑޯ ކަމަށްވާއިރު މި މެޗުގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ޓަލިސްކާ އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނަ މަގާމު އަލް ނަސްރު އިން ވަނީ ދަމަހައްޓާފަ އެވެ. ލީގުގެ ދެވަނައިގައި އޮތީ އަލް ހިލާލް އެވެ.

ރޮނާލްޑޯ ،37، އަލް ނަސްރަށް ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އަލް ނަސްރާއި ގުޅުނު ރޮނާލްޑޯ އަށް އެ ކްލަބުން ސީޒަނެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 200 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއަކަށް ލިބޭނެ އެންމެ ބޮޑު މުސާރަ އެވެ.

ސައުދީގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަލް ނަސްރު އެންމެ ފަހުން ތަށި އުފުލާލީ 2019 ވަނަ އަހަރު އެވެ.

މިއީ ޔޫރަޕް ނޫން ގައުމެއްގެ ކްލަބަކަށް ރޮނާލްޑޯ ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ކުރިން ޔޫރަޕްގެ ހަަތަރު ގައުމުގައި ކުޅެފަ އެވެ. އެއީ ޕޯޗުގަލް، އިންގްލެންޑް، ސްޕެއިން އަދި އިޓަލީގަ އެވެ.