Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ރާއްޖޭގެ ޓޮޕް 10 މާކެޓަށް ޗައިނާ އަރައިފި

މިދިޔަ ބުދަ ދުވަހު 18 ގައި ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށުމާ އެކީ މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި އެ ގައުމު ހިމެނިއްޖެ އެވެ.

ކޮވިޑްގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައުމުގެ ރެކޯޑް އޮތް ޗައިނާ މިހާރު އޮތީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 9 ވަނައިގަ އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޗައިނާއިން 2،354 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިއީ އަހަރު ފެށުނު ރާއްޖެ އައި ޓޫރިސްޓުންގެ 1.9 ޕަސެންޓެވެ.

ޗައިނާގެ ޓޫރިސްޓުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އަންނަން ފެށީ ކޮވިޑާ ދިމާކޮށް އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ. ޗައިނާގެ ތިން އެއާލައިނެއްގެ ދަތުރުރުތަކެއް މިހާރު އޮތީ ރާއްޖެ އަށް ތާވަލުކޮށްފަ އެވެ.

މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. ދެވަނައިގައި އިޓަލީ އޮތް އިރު، ތިން ވަނައިގައި އޮތީ އިންޑިއާ އެވެ. މި އަހަރުގެ މިހާތަނަށް 115،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

އަމާޒަކީ މި އަހަރު މަދުވެގެން 1.8 މިލިއަން ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.6 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.