Last Updated: July 10, 10:46
Thursday, July 10, 2025
މުނިފޫހިފިލުވުން

ސާރާ، އިންޑިއާގެ މިނިވަންކަމުގެ ކުރިއަށް

އިންޑިއާ އަށް މިނިވަންކަން ހޯދި ކުރި މަސައްކަތުގެ ތެރޭގައި ސިއްރިޔާތުގައި ހިންގި ކޮންގްރެސް ރޭޑިއޯގައި މަސައްކަތް ކުރި މީހެއްގެ ރޯލުން ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން ފެންނާނެ ފިލްމު "އޭ ވަތަން…މޭރޭ ވަތަން" ގެ ޓީޒާ ޓްރެއިލާއެއް މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. ކާސްޓްގައި ވަރޫން ދަވަން ވެސް ހިމެނޭ މި ވަތަނީ ފިލްމުގެ ޑައިރެކްޓަރަކީ 2013 ގެ "އޭކް ތީ ޑާޔަން" ގެނެސްދިން ކަންނާން އައްޔަރެވެ. "އޭ ވަތަން…މޭރޭ ވަތަން" ގެ ސްކްރީންޕްލޭ ލިޔުނީ އޭނަ އާއި ދަރަބް ފާރޫގީ އެވެ.

މީގައި ދައްކުވައި ދޭނީ އިންޑިއާ އަށް މިނިވަންކަން ހޯދަން ކުރި މަސައްކަތް ދުވަސްވަރު 1942 ގައި ފެށުނު "ކްއިޓް އިންޑިއާ މޫވްމަންޓް" އާއި އެ ދުވަސްވަރު ހިންގި އަންޑަގްރައުންޑް ރޭޑިއޯ ސްޓޭޝަން، ކޮންގްރެސް ރޭޑިއޯ އާއި އޭގައި މަސައްކަތްކުރި އޫޝާ މެހެތާގެ ވާހަކަ އެވެ.

ސާރާ ފިލްމުން އޫޝާގެ ރޯލުންނެވެ. އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ގެނެސްދިން "އަތުރަންގީ ރޭ" އެވެ.

"އޭ ވަތަން…މޭރޭ ވަތަން" ގެ ޓީޒާއެއް ދައްކައިލި ނަމަވެސް ބެލުންތެރިންނަށް ފިލްމު ދޫކޮށްލާ އިރެއް އަދި ހާމައެެއް ނުކުރެ އެވެ.