Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"އެވަޓާ 2" ގެ އާމްދަނީ ދެ ބިލިއަނަށް

މިދިޔަ މަހު ރިލީޒްކުރި ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ އާމްދަނީ ދެ ބިލިއަން ހުރަސްކޮށްފި އެވެ.

އިއްޔެއާ ހަމައަށް ދުނިޔޭގެ އެކި ހިސާބުތަކުން ފިލްމަށް ލިބުނު އާމްދަނީ ވަނީ 2.024 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ކުރިން ވެސް ލަފާކޮށްފައި އޮތީ "އެވަޓާ 2" ދެ ބިލިއަންގެ އާމްދަނީއެއް ހުރަސްކުރާނެ ކަމަށެވެ. އެކަމަކު ދެން މިހާރު އެންމެ ބޮޑަށް ގިނަ ބަޔަކު ބަލަން ބޭނުން ވަނީ މީގެ ފުރަތަމަ ބައި 2009 ގެ "އެވަޓާ" ހަދާފައި އޮތް އާމްދަނީގެ ރެކޯޑް މުގުރެލެވޭތޯ އެވެ.

އެ ފިލްމަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ "އެވަޓާ" އަށް 2.923 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ މަހުގެ 16 ގައި ރިލީޒްކުރި "އެވަޓާ 2" އަކީ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ބަލާ އިރު، މި ފިލްމަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ފަހުން ރިލީޒްކޮށް ދެ ބިލިއަންގެ އާމްދަނީއެއް ހުރަސްކުރި ފިލްމުގެ އިތުރަށް ހަ ވަނަ އަށް ދެ ބިލިއަންގެ އާމްދަނީއެއް ހުރަސްކުރި ފިލްމެވެ. އަނެއް ފަސް ފިލްމަކީ "އެވެޓާ" ގެ އިތުރުން "އެވެންޖާސް: އެންޑް ގޭމް" އާއި "ޓައިޓޭނިކް" އާއި "ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް" ގެ އިތުރުން "އެވެންޖާސް: އިންފިނިޓީ ވޯ" އެވެ.

"އެވެޓާ 2" ގެ ބިލިއަންގެ އާމްދަނީއާ އެކީ ޑައިރެކްޓަރު ކެމެރޮން މިހާރު ވެފައި ވަނީ އެ ވަރުގެ އާމްދަނީގައި ރަސްކަންކުރާ ޑައިރެކްޓަރުގެ ގޮތުގަ އެވެ. "އެވަޓާ" ގެ ދެ ފިލްމުގެ އިތުރުން 1997 ގެ "ޓައިޓޭނިކް" އަކީ ވެސް އޭނަގެ ފިލްމެކެވެ.

"އެވެޓާ" ތިން ބައި އަދި ކުރިއަށް އެބައޮތެވެ. އެ ބައިތައް ގެނެސްދޭނީ 2024، 2026 އަދި 2028 ގަ އެވެ.