Last Updated: April 26, 20:24
Friday, April 26, 2024
މީހުން

އެންމެ ދުވަސްވީ މީހާ އަށް 115 އަހަރު

ކުރިން އެންމެ ދުވަސްވީ މީހާގެ ރެކޯޑް އޮތް ފްރާންސްގެ ސިސްޓަ އެންޑްރީ މިދިޔަ ހަފުތާގައި މަރުވުމާ ގުޅިގެން އެ ރެކޯޑް އާ މީހަކަށް ދީފި އެވެ.

އެންމެ ދުވަސްވީ މީހާގެ އިިތުރުން އެންމެ ދުވަސްވީ އަންހެނާގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން މި ފަހަރު ކަށަވަރުކޮށް ދިނީ 115 އަހަރުވެފައިވާ އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ސްޕެއިންގެ މަރާޔާ ބްރަނިއާސް މޮރޭރާ އެވެ. އޭނަ އަށް މި މަހުގެ 19 ގައި ރެކޯޑް ކަށަވަރުކޮށް ދިން އިރު އުމުރަކީ 115 އަހަރާއި 321 ދުވަހެވެ. ޓްވިޓާގައި ވެސް ހަރަކާތްތެރިކޮށް އުޅޭ މަރާޔާގެ ޓްވިޓާގެ ތައާރަފުގައި ލިޔެފައި އޮންނާނީ "މަށަކީ ބޮޑު މުސްކުޅިޔަކަށް ވިޔަސް، ގަމާރެއް ނޫން" ކަމަށެވެ.

އޭނަ އަށް އެންމެ ދުވަސްވީ މީހާގެ އާ ރެކޯޑް ލިބުނު އިރު، އެ ރެކޯޑް ކުރިން އޮތް ސިސްޓަ އެންޑްރީ މަރުވީ 118 އަހަރުގަ އެވެ.

ސްޕެއިނުން އެމެރިކާ އަށް ހިޖުރި އާއިލާއަކަށް މަރާޔާ އުފަންވީ އެމެރިކާގެ ކެލިފޯނިއާ ސެން ފްރަންސިސްކޯ އަށް މާޗް 4، 1907 ގަ އެވެ. އެއީ އޭނަގެ މައިންބަފައިން އެމެރިކާ އަށް ހިޖުރަކުރިތާ އެއް އަހަރު ފަހުންނެވެ. އެކަމަކު އަށް ފަހުން އަނެއްކާ ވެސް އެ އާއިލާ ސްޕެއިނަށް ބަދަލުވެ، މަރާޔާ ދިރިއުޅެމުން އަންނަނީ ކެޓަލޯނިއާގަ އެވެ. ފާއިތުވި 22 އަހަރު އޭނަ ހުރީ އެތަނުގެ ދުވަސްވީ މީހުން ބަލަހައްޓާ ސެންޓަރެއްގަ އެވެ.

މަރާޔާ އަށް ލިބުނު ރެކޯޑާ އެކީ އޭނަ ހުރި ނާސިން ހޯމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޔާރާ ހުރީ ދުޅަހެޔޮ ސިއްހަތެއްގައި ކަމަށާއި ރެކޯޑެއް ލިބުމުން އެކަން ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.