Last Updated: July 27, 11:09
Saturday, July 27, 2024
މުނިފޫހިފިލުވުން

ރަންބީރާއި ޝްރަދާގެ ކެމިސްޓްރީ ލޯބި

ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ތޫ ޖޫޓީ، މޭ މައްކާރް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މީގެ އެންމެ ބޮޑު ހައިލައިޓަކީ މި ރޮމޭންޓިކް ކޮމެޑީން ފެންނާނެ ދެ ތަރިންގެ ލޯބި ކެމިސްޓްރީ އެވެ. "ވަރަށް ފިލްމީކޮށް" ހަދާފައިވާ "ތޫ ޖޫޓީ، މޭ މައްކާރް" އަކީ ރީތި ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެކެވެ. "ޕިިޔާރު ކާ ޕަންޗްނާމާ" ފަދަ ފިލްމުތައް ގެނެސްދިން ލަވްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ ކާތިކް އާރިއަންގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.

އޭގެ ފަސް ވަރަކަށް އަހަރު ފަހުން އޭނަ "ތޫ ޖޫޓީ، މޭ މައްކާރް" ބެލުންތެރިންނަށް ގެނެސްދޭ އިރު، މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ހިންދީ ފިލްމެވެ.

ފިލްމުގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރް ވެސް ހިމެނެ އެވެ. "ތޫ ޖޫޓީ، މޭ މައްކާރް" އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ބޯނީ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ. އޭނަ އަކީ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ އެވެ.

"ތޫ ޖޫޓީ، މޭ މައްކާރް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި އޮތީ މާޗް 8 ގަ އެވެ.