Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

ރައީސްގެ ކެމްޕޭން ނިންމާ ޖަލްސާ ހިތަދޫގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން ނިންމައިލަން ބާއްވާ ޖަލްސާ އައްޑޫ ހިތަދޫގައި ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ. އެ ޖަލްސާ ރާއްޖެ ޓީވީ އާއި ސަންގް ޓީވީން ލައިވް ވެސް ކުރާނެ އެވެ. ރައީސްގެ ޕްރައިމަރީ ކެމްޕޭން ނިންމާ ޖަލްސާ އައްޑޫގައި ބާއްވަން ނިންމި އިރު، މި މަހުގެ 13-15 އަށް ވެސް ރައީސް އައްޑު އަށް ދަތުރެއްކުރެއްވި އެވެ.

ރައީސް ގެންދަވަނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕޭން ކުރައްވަމުންނެވެ. އެ މަނިކުފާނު މި ވަގުތު ހުންނެވީ އއ. އަތޮޅުގަ އެވެ.

ރައީސްގެ ކެމްޕޭން އައްޑޫން ނިންމައިލާ އިރު، ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ކެމްޕޭނަށް އައްޑު އަށް ވަޑައިގެންފަ އެވެ. ނަޝީދު ކެމްޕޭން ނިންމާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައި ވަނީ މާލޭގެ އާޓިފިޝަލް ބީޗްގަ އެވެ.

ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.