މީގެ 13 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު ލަވް، ސެކްސް އޯރް ދޯކާ (އެލްއެސްޑީ) ގެ ދެވަނަ ބައި ބަތަލާގެ ރޯލު ކަލާޒުން ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 16 ގައި ވާދަކުރަމުން އަންނަ ނިމްރަތު އަހުލުވާލިއާ އަށް ދީފި އެވެ.
ޝޯގެ އެންމެ ގަދަ ބައިވެރިންގެ ތެރޭގައި ހިމެނޭ ޓީވީ ބަތަލާ އަށް އެ ފުރުސަތު ދިނީ ފިލްމުގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ޑައިރެކްޓަރު ދިބާކަރް ބެނަޖީ ޝޯ އަށް ގޮހެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ ޝޯގެ ހޯސްޓް ސަލްމާން ޚާނާ އެކީ ގެނެސްދިން "ވީކެންޑް ކާ ވާރު" އެޕިސޯގައި ލަވް، ސެކްސް އޯރް ދޯކާ (އެލްއެސްޑީ) 2 އިއުލާންކޮށް، ފިލްމަށް "ބިގް ބޮސް 16" އިން ބަތަލާ އެކީ ނެގީ ބައިވެރިންގެ ތެރޭގައި އޮޑިޝަނެއް ވެސް ބޭއްވުމަށް ފަހު އެވެ.
އެކްތާ ބުނި ގޮތުގައި އޭނަގެ ސިލްސިލާ "ނާގިން 7" އަށް ވެސް ބަތަލާ އަކު ނަގާނީ "ބިގް ބޮސް 16" އިންނެވެ. އެ ސިލްސިލާގެ ހަ ވަނަ ސީޒަން މިދިޔަ އަހަރުން ފެށިގެން ދައްކަމުން އަންނަ އިރު، އޭގެ ބަތަލާ އަކީ "ބިގް ބޮސް 15" ގެ ކާމިޔާބުކުރި ތޭޖާސްވީ ޕްރަކާޝް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ނާގިން 7" އަށް އެކްތާ ނަގާނީ "ބިގް ބޮސް 16" ގެ ގަދަ ބައިވެރިންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ޗަހާރްވެ. އަދި ފޭނުންތަކެއް ވެސް އެގޮތަށް ޑިމާންޑްކޮށްފައިވެ އެވެ.
ނިމްރަތަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބުނު އިރު، 2010 ގެ "އެލްއެސްޑީ" އަކީ ތިން ސެގްމަންޓް އެކުލެވޭ އެންތޮލޮޖީއެކެވެ. އޭގެ ކާސްޓްގައި ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ވެސް ހިމެނެ އެވެ. "އެލްއެސްޑީ 2" އިން ފުރުސަތު ލިބުނު ނިމްރަތު، 28، އަކީ ކަލާޒް އިން ގެނެސްދިން ސިލްސިލާ "ޗޯޓީ ސަރުދާރުނީ" ގެ ބަތަލާ އެވެ.