Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ސީޒަންގެ "ލޯބިވެވިއްޖެ" މެއި 3 ގައި

މި އަހަރުގެ މެއި 3 ގައި އޮލިމްޕަސް ސިނަމާ އަށް ގެންނަން އަމާޒު ހިފާފައިވާ އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" ގެ ޓްރެއިލާއެއް މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅެފައިވާ އެއްޗެކެވެ. އަންނަ މަހުގެ 6 ގައި އޮލިމްޕަހަށް ގެންނަ "ބީވީމާ" ގެ ޑައިރެކްޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ލޯބިވެބިއްޖެ" ގެ ބަތަލާއިންނަކީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.

މާލެ އާއި ގދ. ތިނަދޫގެ އިތުރުން ސްރީ ލަންކާގައި ވެސް މަންޒަރުތަކެއް ނަގާފައިވާ ފިލްމުގެ ކާސްޓްގައި އަހުމަދު އީސަ (އާނަންދު) އާއި އަހުމަދު ނިމާލާއި އިރުފާނާ އިބްރާހީމާއި އަލީ އާޒިމް (ދޮންއައްޔަ) އާއި އައިޝަތު ނިޝާ އާއި އިބްރާހީމް ޝާފިއު (ފުބޫ) ފަދަ ތަރިން ހިމެނެ އެވެ.

ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަންތައް މިހާރު ކުރިއަށް ގެންދާ އިރު، އެންމެ ފަހުން އޮލިމްޕަހުގައި އެޅުވީ ވެސް އޭނަ ޑައިރެކްޓްކޮށް، ކުޅުނު ފިލްމެކެވެ. އެއީ 2020 ގެ "އަނދިރިކަން" އެވެ. ކޮވިޑާ ހެދި އެ އަހަރުގެ މާޗްގެ ކުރީކޮޅު އޮލިމްޕަސް ބަންދުކުރީ އެ ފިލްމު ދައްކަމުން ދަނިކޮށެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ މަހު އަޅުވާ "ބީވީމާ" އަކީ އޭގެ ފަހުން އޮލިމްޕަހަށް ގެންނަ ފުރަތަމަ ފިލްމެވެ.