Last Updated: July 12, 05:49
Saturday, July 12, 2025
މުނިފޫހިފިލުވުން

"ޕަތާން" 100 އަށް ވުރެ ގިނަ ގައުމުތަކަށް

ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" މާދަމާ ރިލީޒްކުރާ އިރު، އެ ފިލްމު 100 އަށް ވުރެ ގިނަ ގައުމުތަކުގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ މިހާތަނަށް އިންޑިއާގެ ފިލްމެއް މިހާ ގިނަ އަދަދެއްގެ ގައުމުތަކުގައި އެއް ފަހަރާ އަޅުވާ ފުރަތަމަ ފަހަރެވެ. "ޕަތާން" 100 އަށް ވުރެ ގިނަ ގައުމުތަކުގައި ޕްރީމިއާކުރާ އިރު ބޭރުގެ 2،500 އަށް ވުރެ ގިނަ ސިނަމާތަކުގައި ފިލްމު ދައްކާނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ޝާހްރުކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް މަޝްހޫރު ތަރިއެއްކަމެވެ. އެގޮތުން މުޅި އޭޝިއާގެ އިތުރުން ޔޫރަޕާއި އެމެރިކާ އަދި މެދުއިރުމަތީގައި ވެސް އޭނަގެ ނުފޫޒު ގަދަ އެވެ. އެގޮތުން ވަރަށް ގިނަ ގައުމުތަކުގައި ދުރާލައި "ޕަތާން" ގެ އެޑްވާންސް ބުކިން ވެސް ފަށާފައިވެ އެވެ.

އަނެއްކޮޅުން "ޕަތާން" އަކީ ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު، ސްކްރީނަށް ވަރުގަދަ ރޯލަކާ އެކީ ޝާހްރުކް އަންނަ ފުރަތަމަ ފިލްމަށްވާތީ އެއަށް ކުރެވޭ އިންތިޒާރީ އާއި އުންމީދުތައް ވަރަށް ބޮޑެވެ. އަދި މި ފިލްމަކީ ފުރަތަމަ ފަހަރަށް އޭނަ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ އެއްޗެކެވެ.

ބޮލީވުޑްގެ ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުހައި "ޕަތާން" އަކީ ރިލީޒްކުރާ ދުވަހު ވެސް ބޮޑު އާމްދަނީއެއް އިންޑިއާގެ އިތުރުން އިންޑިއާގެ ބޭރުގެ މާކެޓްތަކުން ހޯދާނެ ފިލްމެކެވެ.

ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.