Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ކުލި ނުދައްކައިގެން ޓްވިޓާ ގޮވައިގެން ކޯޓަށް

އިނގިރޭސިވިލާތުގެ ލަންޑަންގައި އޮފީހެއް ހިންގަން ޓްވިޓާ އިން ނަގާފައިވާ ތަނަކަށް ކުލި ނުދައްކައިގެން އެ ކުންފުންޏާ ދެކޮޅަށް ކޯޓަ ހިނގައްޖެ އެވެ.

މީޑިއާތަކުން ބުނީ މަހުޖަނު އީލޮން މަސްކްގެ ޓްވިޓާ ގޮވައިގެން ކޯޓަށް ދިޔައީ އިނގިރޭސި ރަސްކަމުގެ ދަށުގައި ހުރި އިމާރާތަކަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެން ކަމަށެވެ.

އެ ކުންފުނި ގޮވައިގެން ކޯޓަށް ދިޔައީ މިނިވަން ބޯޑަކުން ހިންގަމުން އަންނަ ކްރައުން އެސްޓޭޓުންނެވެ. އެތަނުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ލަންޑަންގެ "ޓްވެންޓީ އެއާ ސްޓްރީޓް" އިމާރާތުގައި ޓްވިޓާ އިން އޮފީސް ހިންގަން ކުއްޔަށް ނަގާފައިވާ ތަނުން ކުލި ނުދައްކާތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި މި މައްސަލަ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު ގެ މަހުކޮޅު އީލޮން ޓްވިޓާ ބައްލަވައިގަތުމުގެ ކުރިން ވެސް އޮތް މައްސަލައެއް ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޓްވިޓާ އަށް އެކި ފަހަރު މަތިން ނޯޓިން ވެސް ދީފައިވާ ކަމަށާއި ކޯޓަށް މައްސަލަ ހުށަހެޅުމާ އެކީ މިހާރު ދެ ފަރާތުގެ މެދުގައި އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ކްރައުން އެސްޓޭޓްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ގުޅިގެން ޓްވިޓާ އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިނގިރޭސިވިލާތުން ކުއްޔަށް ހިފާފައިވާ ތަނަކަށް ކުލި ނުދައްކާ ޓްވިޓާގެ މައްސަލަ ކޯޓަށް ވެއްދި އިރު، އެމެރިކާގެ ސެން ފްރަންސިސްކޯގެ "650 ކެލިފޯނިއާ ސްޓްރީޓް" އިމާރާތުން ހިފާފައިވާ އޮފީހަށް ވެސް ޓްވިޓާ އިން ކުލި ނުދައްކާ މައްސަލަ އޮތީ ފެންމަތިވެފަ އެވެ.

ޓްވިޓާ އަށް މިފަދަ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު އިރު، އީލޮން ޓްވިޓާ ބައްލަވައިގަތް ފަހުން ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކޮށް ބައެއް އޮފިސްތައް ބަންދު ވެސް ކޮށްފައިވެ އެވެ. އޭނަ ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.