Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

ދަންވަރު ގޯއްޗަށް ހުޅުވާލުމަކީ ބޭއަދަބީ ކަމެއް

ދަންވަރު ގޯއްޗަށް ހުޅުވާލުމަކީ ބޭ އަދަބީ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށަކުން ދޫކުރާ 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަރު އައްޑޫ ކައުންސިލުން ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ ހުޅުވާލާފަ އެވެ. ކައުންސިލުން ފުރުސަތު ހުޅުވާލާފައި ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ދޫކުރާ ގޯއްޗަށެވެ.

މިއަދު ހަވީރު ފޭދޫގެ އެމްޑީޕީ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންމެ އިންތިހާބަކާ ދިމާކޮށް ދަންވަރު ގޯއްޗަށް އިއުލާން ކުރާ ކަމަށާއި ނަމަވެސް އެ ގޯތިތައް އަދި ހުރީ ކަނޑު އަޑީގައި ކަމަށެވެ.

ރާއްޖެ އަކީ މެދު އާމްދަނީ ލިބޭ އަދި ގްރޭޑް 10 އާއި ހަމައަށް ކިޔެވުން ލާޒިމު ގައުމެއް ކަމަށްވާއިރު އެފަދަ ކަންކަން ކުރުމަކީ ރައްޔިތުންނަށް ކުރެވޭ ނިކަމެތި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުން ރޭގަނޑު 12 ގެ ފަހުން ކުރަން ދަންނަނީ އެންމެ ކަމެއް ކަމަށާއި ގޯތި ދޫކުރުމަކީ އޭގެތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދަންވަރު ހުޅުވައިގެން ވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ގަން އެއާޕޯޓު ހުޅުވާފައި އެތަނަށް ބޭރުން މަތިންދާބޯޓު ގެނައުމާއި، ރިޒޯޓުތައް ހުޅުވައި އައްޑޫގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި އަދި ގެސްޓްހައުސްތައް ހުޅުވުމާއި، މަހުގެ އަގު އުފުލޭނެ ގޮތާއި އައިސް ލިބޭނެ ގޮތް ހެދުން އެއީ ދަންވަރު ކުރަން ރަނގަޅު ކަންކަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރޭގަނޑު ދަންވަރު ކުރަން ހުރި ކަންކަން ކިތަންމެވެސް ގިނަ. އެހެން ނަމަވެސް ނެތް ކަމެއް ރޭގަނޑު ދަންވަރު ކުރަން އުޅުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް ބޭ އަދަބީ ކަމެއް." ނަޝީދު ވިދާޅުވި އެވެ.