Last Updated: April 19, 13:47
Friday, April 19, 2024
ކުޅިވަރު

ބޭލް ފުޓްބޯޅަ ދޫކޮށްލައި ގޮލްފަށް

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ފުޓްބޯޅަ އިން ރިޓަޔާކުރި އިނގިރޭސި ތަރި ގެރެތު ބޭލް ގޮލްފް މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

ޕްރޮފެޝަނަލް ކުޅުންތެރިންތަކަކާ އެކީ އޭނާ ވާދަކުރާ މުބާރާތަކީ މި މަހުގެ 30 އިން އަންނަ މަހުގެ 5 އަށް އެމެރިކާގެ ކެލިފޯނިއާގައި ބާއްވާ އޭޓީއެންޑްޓީ ޕެބްލް ބީޗް ޕްރޯ-އެމެރިކާ އެވެ.

މި މަހުގެ ކުރީކޮޅު ފުޓްބޯޅަ އިން ރިޓަޔަކުރި ބޭލް، 33، ވަނީ ގޯލްފް މުބާރާތެއްގައި ޕްރޮފެޝަނަލް ފެންވަރުގައި ވާދަކުރާކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ރިއާލް މެޑްރިޑާއި ޓޮޓެމްހަމް ސްޕާ ފަދަ ޓީމްތަކަށް ކުޅުނު މަޝްހޫރު ކުޅުންތެރިޔާ ބުނީ ގޯލްފް މުބާރާތެއްގައި ވާދަކުރުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ބޭލް ވާދަކުރާ މުބާރާތުގައި ގޮލްފްގެ ތަޖުރިބާކާރު 156 ކުޅުންތެރިޔަކު ވާދަކުރެ އެވެ. އޭގެ ތެރޭގައި ޔޫއެސް އޯޕަންގެ ޗެމްޕިއަން މެޓް ފިޒްޕެޓްރިކާއި ޕެޓްރިކް ކެންޓްލޭ އަދި ޖޯޑަން ސްޕީތު ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ފުޓްބޯޅައިގެ 16 އަހަރުގެ ކެރިއަރަށް ފަހު ކާޑިފަށް އުފަން ބޭލް އެ ކުޅިވަރަށް އަލްވަދާއު ކީ އިރު އޭނަ އަކީ ފުޓްބޯޅައިގެ ކާމިޔާބު އަދި އެހާމެ ހުނަރުވެރި ތަރިއެކެވެ.