Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް ވެސް ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 5.6 ބިލިއަނަށް އަރާފައެވެ. މިއީ 27 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ފްރާންސުންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 14 ޕަސެންޓަކީ ފްރާންސުން އެތެރެކުރި މުދަލެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް އިތުރުވެފައިވާ އިރު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓުކޮށްފައިވަނީ 221 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 299 މިލިއަން ރުފިޔާގަ އެވެ. މިއީ 35 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 66 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

އެކްސްޕޯޓާއި އިމްޕޯޓު އިތުރުވި ނަމަވެސް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ ދެ ޕަސެންޓަށް ދަށްވެފަ އެވެ. 2021 ގެ ޑިސެމްބަރުގައި އާމްދަނީގެ ގޮތުގައި 364 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 356 މިލިއަން ރުފިޔާގަ އެވެ.