Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

އައްޑޫ އެއާޕޯޓު ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރަނީ

އައްޑޫ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް

އައްޑޫ ސިޓީ ގަން އެއާޕޯޓު ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރަން ތައްޔާރުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގަން އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 5 ދުވަހުގެ ސްޓޭންޑްސްޓިލް މުއްދަތަށްފަހު، މާލިއްޔަތު ޤަވާޢިދުގެ ދަށުން އެފަރާތަށް ރަސްމީކޮށް މަޝްރޫޢު އެވޯޑު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއްވެސް ޤާއިމުކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މީގެއިތުރުން އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަޞީލަތްތައް ތަރައްޤީ ކުރެވިގެން ދިޔުމުގެ އިތުރުން އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރެވި ޕާރކިންގ ސަރަޙައްދެއްވެސް ތަރައްޤީކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެއަރޕޯޓް ތަރައްޤީކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫޢުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި ދެކުނުގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.