Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ކ. އަތޮޅު ފަރަކަށް ގެއްލުންވުމުން ބޮޑު ޖޫރިމާނާއެއް

ފުށިދިއްގަރު ފަރަށް އުޅަނދެއް އަރާފައި

ކ.ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމާ ގުޅިގެން ތިމާވެއްޓަށް ގެއްލުންތަކެއް ލިބުނު މައްސަލާގައި އެ ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މިދިޔަ އަހަރުގެ ޖުލައި 23 ގައި އެ ދެ އުޅަނދު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 100 މިލިއަން ރުފިޔާ ދައްކަން އެ ދެ އުޅަނދުގެ ވެރިފަރާތް ކަމަށްވާ ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ އަށް މި މަހުގެ 22 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އިން ވަނީ މިދިޔަ އޮގަސްޓު މަހު އެ ސަރަޙައްދަށް ގޮސް ސަރވޭކޮށްފަ އެވެ. އީޕީއޭ އިން ބުނީ ބެލިބެލުމުން އެ ފަރުގެ 3926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 148,381,500.00ރ. ނަމަވެސް ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ޖޫރިމަނާގެ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްވީ ކަމަށް އީޕީއޭގެ އިއުލާނުގައިވެ އެވެ.

އެ ފައިސާ ދައްކަން ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ އަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.