Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

ވޯޓު ގަތުމަށްދޭ ފައިސާގައި ހިފަން އެދިވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ގަތުމަށްދޭ ފައިސާގައި ހިފުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މިރޭ މަރަދޫފޭދޫގެ އެމްޑީޕީ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިފަހަރުގެ ވޯޓު ގަތުމަށް އެމަނިކުފާނުގެ ވާދަވެރިން ރައްޔިތުންނަށް ފައިސާ ދޭނެ ކަމަށާއި އެ ފައިސާގައި ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ އެ ފައިސާ ހިއްޕަވަން. ދެބައިކުޅަ އެއްބައި ނަމަވެސް ސެޕްޓެމްބަރު 9 ގެ އިންތިހާބަށް [ރިޔާސީ އިންތިހާބަށް] އަޅުގަނޑުމެންނަށް އަލުން އަނބުރާ ދެއްވުން ވަރަށް ބޮޑަށް އެދެން، އަޅުގަނޑަށް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރަށްރަށުގައި ފައިސާ ބަހަން އުޅެނީ ކާކުތޯ ބަލާނެ ކަމެއް ނެތް ކަމަށާއި އަވަހަށް ފައިސާގައި ހިފުމަށް އެމްޑީޕީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"10،000 ދެއްވަން އުޅެންޏާ 20،000 އޭ ވިދާޅުވެފަ އެވަރުވެސް ނަންގަވާ. ނަންގަވާފައި އޭގެ ދެބައިކުޅަ އެއްބައި ބަހައްޓަވާދެއްވާށޭ ސެޕްޓެމްބަރު 9 އަކަށް. މި އިންތިހާބުން އަޅުގަނޑުމެން މިތިބީ މޮޅުވެފައި، އެކަމަކާ ހިތުގައި ޝައްކެއް ނެތް." ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުތަކަކީ ހަރަދު ހިނގާ ކަމެއްކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ މިފަހަރުގެ ޕްރައިމަރީގެ ކެމްޕެއިނުން ދެ ކަމެއް ހާސިލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބުމާއި އަދި ރިޔާސީ އިންތިހާބަށް ކުރަންވީ ހަރަދު ވެސް ލިބުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމަށްޓަކާ އެމަނިކުފާނުގެ ވާދަވެރި ފައިސާވެރިންނަށް ޝުކުރު ދަންނަވާ ކަމަށާއި ބޮޑަށް ރަނގަޅީ ވެސް ގިނައިން ފައިސާ ދެއްވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ. ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.