Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އައްޑޫ ރައްޔިތުންނަށް ގޯތި ދޭނީ އަޅުގަނޑު

އައްޑޫ ރައްޔިތުންނަށް ގޯތި ދޭނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށަކުން ދޫކުރާ 500 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަރު އައްޑޫ ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ. ކައުންސިލުން ފުރުސަތު ހުޅުވާލާފައި ވަނީ ފޭދު އާއި މީދު އަދި ހުޅުދޫން ދޫކުރާ ގޯއްޗަށެވެ.

ރޭ މަރަދޫފޭދޫގެ އެމްޑީޕީ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިންނަކީ ތަންދޮރު ނޭނގޭ ބައެއް ނޫން ކަމަށާއި އިންތިހާބާ ދިމާކޮށް ކަނޑަ ޖެހިޔަސް އަދި އެއްޗެހިތަކެއް ދޭނެ ކަމަށް ކިތަންމެ ވަރަކަށް ސިޔާސީ ލީޑަރުން ބުނި ނަމަވެސް އެއީ އަޅުވާ އަނދުނެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ރައްޔިތުންނަށް ހަގީގީ އެއްޗެއް ލިބެން އޮތީ އިންތިޒާމު ވެގެން، ރޭވިގެން އަދި ތާރީހުތަކެއް ކަނޑައެޅި މުއްދަތުތަކެއް ދެވިގެން ހިންގާ މަސައްކަތްތަކުން ކަމަށާއި ގޯތި ދޭން ހަގީގަތުގައި ނޫޅޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ގޯތި ދޭކަށެއް ނޫޅޭ. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އަޅުގަނޑުމެންގެ ސަރުކާރުގައި ތިބޭފުޅުންނަށް ގޯތި ލިބޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފްލެޓަށް ބަރިބަރި އަށް މީހުން އަރުވައިގެން ގެންގުޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. މީހުންނަށް ތަނަވަސްކަންމަތީގައި އުޅެވެނީ ކުރިމަތީގައި ދެ ގަހެއް ވަރު ހުރެގެން ކަމަށާއި ފްލެޓެއްގައި ހުރެގެން ދިރިއުޅުމެއް އާރާސްތު ކުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ. ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.