Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ބިރު އުފެއްދީ މި ސަރުކާރާ ގުޅިފައި ތިބި މީހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ ބިރުވެރި ވެރިކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު އެކަމަށް ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން އިއްޔެ އދ. ދަނގެތީގައި ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ ބިރުވެރި ދުވަސްތަކެއް ކަމަށެވެ. އެހެންވެ ރާއްޖޭގެ އެއްވެސް ރައްޔިތަކު އެނބުރި އެ ދުވަސްތައް ދެކެން ބޭނުން ނުވާނެ ކަމަށާއި އަދި އެ ބިރުވެރިކަން ތަހައްމަލު ވެސް ކުރަން ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަމުގެ ފާއިތުވި ހަތަރު އަހަރުތެރޭ މުޅި ރާއްޖެ އަށް ހަމަޖެހުމާއި ހިތްހަމަޖެހުމާއި މިނިވަންކަން ގެނެސްދެވިފައިވެ އެވެ.

ރައީސްގެ މި ވާހަކަތަކަށް ރައްދު ދެއްވައި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިރުވެރިކަން އުފެއްދީ މިހާރުގެ ސަރުކާރާ ގުޅިފައި ތިބި ފަރާތްތަކުން ކަމަށެވެ.

"މޭޑޭ، ސުޕްރީމް ކޯޓް ބަޢާވާތް، ފިނިފެންމާ ލޯންޗް ގޮއްވާލުން، މަޖިލިސް ބަޢާވާތް. މިހިރީ އެމްޑީ އާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުން ހިންގި ކަންކަން." އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ތިން ފަހަރަށް ޖަލަށް ވެސް ލާފައިވާ ކަމަށެވެ. ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަކު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އާރަށުގެ މައްސަލައިގައި އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.