Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

"އާރްއާރްއާރް" ގެ ލަވަ އޮސްކާ އަށް ވެސް ނޮމިނޭޓް

މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ފިލްމު "އާރްއާރްއާރް" ގެ ލަވަ "ނާތު ނާތު" މި އަހަރު ގޯލްޑެން ގްލޯބް އެވޯޑްސްގެ އެނމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދާފައި ވަނިކޮށް، އެ ލަވަ އޮސްކާ އަށް ވެސް ނޮމިނޭޓްވެއްޖެ އެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓްކުރި ފިލްމުގެ ލަވަ 95 ވަނަ އޮސްކާގެ އެންމެ މޮޅު އޮރިޖިނަލް ލަވައަށް ނޮމިނޭޓްވި އިރު، އެއާ ދެން ވާދަކުރާ ލަވަތަކަކީ "ޓެލް އިޓް ލައިކް އަ ވުމަން" ގެ "އެޕްލޯސް" އާއި ޓޮމް ކްރޫޒްގެ ފިލްމު "ޓޮޕް ގަން: މެވެރިކް" އަށް ލޭޑީ ގާގާ އާއި ބްލަޑް ޕޮޕް ކިޔާފައިވާ "ހޯލްޑް މައި ހޭންޑް" އާއި "ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" އަށް ރިއާނާ ކިޔާފައިވާ "ލިފްޓް މި އަޕް" ގެ އިތުރުން "އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް" ގެ "ދިސް އިޒް އަ ލައިފް" އެވެ.

އޮސްކާގެ އެންމެ މޮލު އޮރިޖިނަލް ލަވަ އަށް "ނާތު ނާތު" ގެ މިއުޒިކް ހެދީ މީގެ ކުރިން މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ އެމްއެމް ކީރަވާނީ އެވެ. "އާރްއާރްއާރް" ގެ ލަވައިން ފެނިގެން ދަނީ ފިލްމުގެ ދެ ލީޑް އެކްޓަރުން ކަމަށްވާ އެންޓީއާރް ޖޫނިއާ އާއި ރާމް ޗަރަންގެ ފޯރިގަދަ ހަލުވި ނެށުންތަކެވެ.

މި ލަވަ އޮސްކާ ނޮމިނޭޓްވުމާ ގުޅިގެން ފިލްމުގެ ޓީމާއި މުޅި އިންޑިއާ އެކަން ބޮޑު ފަހުރެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ އިރު، ގަބޫލުކުރެވޭ ގޮތުން "ނާތު ނާތު" ލަވަ އޮސްކާ ވެސް އުފުލައިލާނެ އެވެ. ސަބަބަކީ އެ އެވޯޑް ކުރިން ދެމުން އަންނަ ގޯލްޑެން ގްލޯބްގެ ނަތީޖާއާ ގިނަ ފަހަރަށް އެއްގޮތްވުމެވެ. އެހެންވެ "އާރްއާރްއާރް" ޓީމުން އޮސްކާ އެވޯޑް އުފުލުމުގެ ފުރުސަަތު ވަރަށް ބޮޑެވެ.

ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން ވެސް އިންޑިއާގެ މިއުޒިކް ޑައިރެކްޓަރެއްގެ ލަވައަކަށް އޮސްކާ އާއި ގޯލްޑެން ގްލޯބް ލިބިފައިވާކަމެވެ. އެއީ އިންޑިއާގެ ވާހަކައެއް ކިޔައިދިން 2008 ގެ ހޮލީވުޑް ފިލްމު "ސްލަމްޑޯގް މިލިއަނާ" އަށް އޭއާރް ރަހުމާން ހަދައިދިން "ޖޭ ހޯ" އެވެ.

މި އަހަރުގެ އޮސްކާ އަށް "އާރްއާރްއާރް" ޖުމްލަ 15 ކެޓަގަރީއަކުން އަމިއްލަ ގޮތުން އެޕްލައިކުުރި އެވެ. އެކަމަކު އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓަގަރީ ފިޔަވައި އިތުރު ވެސް ކެޓަގަރީއަކުން ނޮމިނޭޓެއް ނުވެ އެވެ.

އިންޑިއާ އަކީ އަބަދު ވެސް އޮސްކާގެ އެންމެ މޮޅު ބޭރު ފިލްމު ކެޓަގަރީ އަށް ފިލްމު ފޮނުވާ ގައުމެކެވެ. އެގޮތުން މި އަހަރު ފޮނުވި ފިލްމަކީ ޗެލޯ ޝޯ (ލާސްޓް ފިލްމު ޝޯ) އެވެ. އެ ފިލްމު ޝޯޓްލިސްޓްވި ނަމަވެސް ނޮމިނޭޓެއް ނުވެ އެވެ.

އޮސްކާ އެވޯޑް ހަފުލާ ބާއްވާނީ އަންނަ މާޗް މަހުގެ 12 ގަ އެވެ.