Last Updated: April 24, 11:09
Wednesday, April 24, 2024
ޚަބަރު

ބީއެމްއެލްއިން ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމައަށް ލޯނު ދޫކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން ރަހުނަކާ ނުލާ، 1.2 މިލިއަނާ ހަމައަށް ލޯނު ދޫކުރެވޭގޮތް ހަދައިފިއެވެ.

ބީއެމްއެލްއިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް، މިހާރު ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރުކުރިކަން ހާމަކުރީ މިއަދުއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ 'ބީއެމްއެލް ލުއި ލޯނު' ގެ ގޮތުގައި ކަމަށެވެ. ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިހާރު ލުއި ލޯނު ދިނުމާއި ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފަ. ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބީއެމްއެލްގެ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި އެގޮތަށް ހުށަހަޅާ ހުށަހެޅުންތައް 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.