Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދުގެ މިރޭގެ އިވެންޓް ކޮފީ އާއި މިއުޒިކާ އެކީ

ޒުވާނުންނަށް ހާއްސަކޮށްގެން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނަޝީދު "ޖީލެއްގެ ދިރުން" ގެ ނަމުގައި ބާއްވާ ސުވާލާއި ޖަބާވު ސެޝަން މިރޭ ކޮފީ އާއި މިއުޒިކާ އެކީ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ނަޝީދުގެ ކެމްޕޭނަށް ބާއްވާ މި އިވެންޓް އޮންނާނީ ލޮނުޒިޔާރަތް ޕާކްގަ އެވެ. އަދި އެ އިވެންޓް ފަށާނީ 8:15 ގަ އެވެ. އޭގައި ބައިވެރިވާ ޒުވާނުންނަށް ނަޝީދާ ސުވާލުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ނަޝީދު މި ވަގުތު އައްޑޫ ހުޅުމީދުގައި ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު މިއަދު މެންދުރު ފަހު ފުވައްމުލަކަށް ވަޑައިގަންނަވާނެ އެވެ. އޭގެ ފަހުން މިރޭގެ އިވެންޓަށް މާލެ ފުރާވަޑައިގަންނަވާނެ އެވެ.

ނަޝީދު ކެމްޕޭނަށް އައްޑު އަށް ވަޑައިގެންނެވީ އަންގާރަ ދުވަހު އެވެ. އެ މަނިކުފާންގެ ކެމްޕޭން މާދަމާ ރޭ ނިންމައިލަމް ހަމަޖެހިފައި ވަނީ އާޓިފިޝަލްގައި ބާއްވާ ޖަލްސާއަކުންނެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.