Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމްޑީޕީ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއް ނެތް

ހީނާ ވަލީދު - ފޮޓޯ: ޕީޕީއެމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ކުރިއަށްދާއިރު އިއްޔެ އއ. މާޅޮހަށް ވަޑައިގެން އެރަށު އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، އިދިކޮޅުން އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރަން އުޅޭކަމަށް ތުހުމަތު ކޮށްފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ހީނާ ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް ކަމަށެވެ. އަދި އިދިކޮޅުގެ ހުރިހާ ފޯކަސްއެއް ހުރީ މަނީލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޖަލުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ ރައީސް ޔާމީންގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް." ހީނާ ވިދާޅުވިއެވެ.

މާޅޮހުގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ކިރިޔާވެސް، އިދިކޮޅަށް ވާދަ ކޮށްލެވެން އޮތީ އެމްޑީޕީގެ ޕްރައިމަރީގެ ތެރެއަށް ވަދެ މި ގަޑުބަޑު ކޮށްގެން ކަމަށް ފެންނާތީ އެ ކަންކުރަމުން ގެންދާ ކަމަށެވެ.