Last Updated: April 24, 12:56
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ޕަތާން" އަށް ރެކޯޑް ރޭޓިންއެއް

ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" މިއަދު ސިނަމާތަކަށް ދޫކޮށްލުމާ އެކީ ކްރިޓިކުންނާއި ބެލުންތެރިން ވެސް އެއަށް ތައުރީފުކުރަން ފަށައިފި އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ވަނީ ފިލްމު ބަލާފައި އެއަށް ރެކޯޑް ރޭޓިންއެއް ވެސް ދީފަ އެެވެ. އެގޮތުން "ބްލޮކްބަސްޓާއެއް" ގެ ގޮތުގައި ފިލްމު ސިފަކޮށް އޭނަ ވަނީ ފަސް ތަރިން ހަތަރެއް ބައި ތަރީގެ ރޭޓިންއެއް ދީފަ އެވެ. މިއީ ވަރަށް ނާދިރު ރޭޓިންއެކެވެ.

ތަރަން ބުނި ގޮތުގައި "ޕަތާން" އަކީ ބެލުންތެރިން ބޭނުންވާނެ ހުރިހާ ރަހައެއް ހެޔޮވަރުކޮށްގެން ގެނެސްދީފައި އޮތް ފިލްމެކެވެ. އެގޮތުން މި އެކްޝަން ތުރިލާ އަކީ އޭގެ ތަރިންގެ ވަރުގަދަކަމާއި ފިލްމުގެ ޕްލޮޓާއި އެ ގެނެސްދީފައި އޮތް ގޮތާއި މިއުޒިކާއި މީގެ ހުރިހާ ކަމެއް ވަރަށް ފުރިހަަމަ ފިލްމެއް ކަމަށް ބުންޏެވެ. ވަކިން ހާއްސަކޮށް ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ޝާހްރުކް ނުކުތީ ވަރަށް ވަރުގަދަ ފެށުމާ އެކީ ކަމަށްވާތީ "ޕަތާން" އަކީ މި އަހަރުގެ ފުރަތަމަ ބްލޮކްބަސްޓާ އަށް ވާނެ ކަމަށް ތަރަން ބުންޏެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ. "ޕަތާން" ގައި ދައްކުވައި ދެނީ ދުރާލައި ވަރަށް ބޮޑަށް ރާވައިގެން އިންޑިއާ އަށް ދޭން ރާވާ ވަރުގަދަ ޓެރިސްޓް ހަމަލާއަކުން ގައުމު ދިފާއުކުރަން ވަތަނީ ބަޔަކު ކުރާ މަސައްކަތެވެ. މި މަސައްކަތުގެ މުގުލުގައި ހުންނަނީ ޝާހްރުކެވެ.

ތަރަން ބުނި ގޮތުގައި "ޕަތާން" ސްކްރީމްޕްލޭ ވަރަށް ޝައުގުވެރިވެފައި ސިދާތު ޑައިރެކްޝަން އޮމާންކަމުން ފިލްމަށް ވަރަށް ބޮޑު ފުރިހަމަ ކަމެއް ގެނެސްދީފައިވެ އެވެ. އެގޮތުން ވަރަށް ޝައުގުވެރި ކެރެކްޓާތަކާއި ހިތްގައިމު ލޮކޭޝަންތަކާ އެކީ ވަރަށް ސްޓައިލިޝްކޮށް ފިލްމު ގެނެސް ދީފައިވާ ކަމަށް ބުންޏެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގައި ފްލޮޕް ބޯޑު އަޅުވަން ޖެހުނު "ޒީރޯ" އެވެ. އެ ފިލްމުގެ ކުރިން ރިލީޒްވި އޭނަގެ "ފޭން" އާއި "ރައީސް" އަދި "ޖަބް ހެރީ މެޓް ސޭޖަލް" ފަދަ ފިލްމުތަކަށް ލިބުނު ފިނި ތަރުހީބާ ހެދި ޝާހްރުކްގެ ތަރި އޮއްސިއްޖެ ކަމަށް ބުނި މީހުންނަށް "ޕަތާން" އިން މި ވަނީ ވަރުގަދަ ރައްދެއްދީ، ފޭނުން ވެސް ހެއްވާލާފައި ކަމަށް ވަރަށް ގިނަ ކްރިޓިކުން އިއްތިފާގުވެ އެވެ.