Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

އެސްޓީއޯގެ ފިހާރައެއް މުޅިން އާ ގޮތަކަށް

ވިޔަފާރި އަށް މިހާރު ޒަމާނީ ބަދަލުތަކެއް ގެންނަމުން އަންނަ އެސްޓީއޯ އިން ރާއްޖޭގައި މުޅިން އާ ގޮތަކަށް ފިހާރައެއް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ހުޅުމާލޭގައި ހުޅުވަން ތައްޔާރު ވަނީ އެތަނުގައި ސޭލްސްމަނުންނާއި ކޭޝިއަރުން ވެސް ނުތިބޭ ގޮތަށް ހިންގަން ހަމަޖެހިފައިވާ ފިހާރައެކެވެ. އެތަން ހުޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ ފަހުކޮޅު އެވެ.

މިކަމާ ބެހޭ ގޮތުން އެސްޓީއޯ އިން ބުނީ މުޅިން އާ ގޮތަކަށް ހިދުމަތް ފަރުމާކޮށްފައިވާ ފިހާރައިން ވިޔަފާރީގެ މުއާމަލާތް ހިންގާނީ މޮބައިލް އެޕެއް މެދުވެރިކޮށް ކަމަޑެވެ. އެ އެފްގައި ބޭންކު ކާޑު ރަޖިސްޓްރީކުރުމަށް ފަހު ލޮގިންވުމުން ފިހާރައިން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިވެން ދާނެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އާ ޓެކްނޮލޮޖީއެއް ބޭނުން ކުރާނެ ފިހާރައިން ލިބެން ހުންނާނީ ހަމައެކަނި އެ ކުންފުނިން އެތެރެކޮށް ވިއްކާ ތަކެއްޗެއް ނޫނެވެ. އެގޮތުން އެތަނުގައި އެހެން ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ އެވެ. މި ފިހާރައިގެ އެކި ތަންތަނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކެމެރާ ހަރުކޮށްފައި ހުންނާނެ އެވެ. އަދި އޭގެ އެހީގައި ފިހާރައިގެ ސްޓޮކް ވެސް ބެލެހަހައްޓަމުން ދާނެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނިން ވިޔަފާރިކުރާ މީހުންނަށް މުޅިން ތަފާތު ތަޖުރިބާއެއް ކުރެވޭނެ އާ ފިހާރަ ވާނީ އެތަނަށް ދާ މީހުންގެ ވަގުތު ވެސް ވަރަށް ބޮޑަށް ސަލާމަތްކޮށްދޭނެ، ހިދުމަތް ހޯދަން ވަރަށް ފަސޭހަ ތަނަކަށެވެ.