Last Updated: April 19, 06:24
Friday, April 19, 2024
ދުނިޔެ

އެންމެ ގިނަ ޖަވާހިރު ޖެހި ގަޑި އިންޑިއާގައި

އެންމެ ގިނަ އަދަދަކަށް ޖަވާހިރު ހިމަނައިގެން އުފެއްދި ގަޑީގެ ރެކޯޑް އިންޑިއާ އިން ހޯދައިފި އެވެ.

އިންޑިއާގެ ގަހަނާ އުފައްދާ ކުންފުންޏެއް ކަމަށްވާ، ރެނާނީ ޖުވެލްސް އިން "ސްރިންކިއާ" ގެ ނަމުގައި އުފެއްދި އަދި އެ ނަމާ މަލެއް ސިފަކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ގަޑީގައި ޖުމްލަ 17،524 ޖަވާހިރު ހިމެނެ އެވެ. މީގެ ތެރެއިން 17،512 ޖަވާހިރަކީ ހުދު ޖަވާހިރެވެ. އަދި 12 ޖަވާހިރަކީ ކަޅު ޖަވާހިރެވެ. އަތުގައި އުޅާ އެޅޭ ގޮތަށް ހަދާފައިވާ ގަޑީގެ ބަރުދަނަކީ 373.30 ގްރާމެވެ.

ރެނާނީ ޖުވެލްސް އިން ބުނި ގޮތުގައި މި ގަޑި ފަރުމާކޮށްފައި ވަނީ އިންޑިއާގެ ގަދީމީ ފާޑުވެެރިކަމާއި އެ ޒަމާނުގެ އަންހެންވެރިންގެ ސިފަތައް އެކުލެވޭ ގޮތަށެވެ.

އެ ކުންފުނީގެ ސީއީއޯ ހަރްޝިތު ބަންސަލް ވިދާޅުވީ "ސްރިންކިއާ" އަކީ އިންޑިއާގެ ހިންދޫންގެ ތެރޭގައި ކިޔައި އުޅޭ ހުރާފީ ވާހަކަތަކުގައި ފާހަގަކޮށްލެވޭ މަޝްހޫރު އަންހެން ޝަހުސިއްޔަތު ލަކްޝްމީ ރަމްޒުކޮށްދޭ ގަޑިއެއް ކަމަށެވެ.

މި ގަޑި އަށް އެންމެ ގިނަ ޖަވާހިރު ޖެހި ގަޑީގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން މި މަހު ކަށަވަރުކޮށް ދިނީ އޭގައި އެކުލެވޭ ޖަވާހިރުތަކަކީ އަސްލު ޖަވާހިރުތަކެއްތޯ ބެލުމަށް އިންޓަނޭޝަނަލް ޖެމަލޮޖިކަލް އިންސްޓިޓިއުޓް އައިޖީއައި) ލެބްގައި ޓެސްޓްކޮށް، ސެޓްފިކެޓް ވެސް ހޯދުމަށް ފަހު އެވެ.

ކުރިން އެންމެ ގިނަ ޖަވާހިރު ޖެހި ގަޑީގެ ރެކޯޑް އޮތީ 2018 ގައި ރެކޯޑް ހެދި ހިންކޮންގޮންގުގެ އާރޮން ޝަމް ޖުވެލަރީ ޕްރައިވެޓް ލިމިޓެޑްގެ ގަޑިއަކަށެވެ. އޭގައި ހިމެނެނީ ޖުމްލަ 15،858 ޖަވާހިރެވެ.