Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

މި އަހަރު އައި ޓޫރިސްޓުން ލައްކައިން މައްޗަށް

އާ އަހަރުގެ މިހާތަނަށް ރާއްޖެ އަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް ޖުމްލަ 122،186 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 29 ޕަސެންޓްގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން 17،600 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ރާއްޖޭޭގެ މާކެޓުގެ 14.4 ޕަސެންޓެވެ.

މި އަހަރު ދެން އެންމެ ގިނައިން ޓޫރިސްޓުން އައި އިޓަލީންނެވެ. އެގައުމުން 12،325 ޓޫރިސްޓުން އައިސްފައިވާ އިރު، ތިން ވަނައިގައި އޮތް އިންޑިއާ އިން 11،918 ޓޫރިސްޓުން އައިސްފައިވެ އެވެ. ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުން 10،025 ޓޫރިސްޓުން އައި އިރު، ފަސް ވަނައިގައި އޮތް ޖަރުމަނުން 7،327 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ 168 ރިސޯޓެއްގެ 41،049 އެނދު އަންނަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން 13 ހޮޓަލެއްގެ 1،640 އެނދާއި 874 ގެސްޓް ހައުސެއްގެ 14،146 އެނދުގެ އިތުރުން 157 ސަފާރީއަކުން 2،901 އެނދު ހުރީ އޮޕަރޭޝަންފަ އެވެ.

މިހާރު ރާއްޖެ އަށް ކްރޫޒް ލައިނާތައް ވެސް އަންނަނީ ދަތުރުކުރަމުންނެވެ. އެގޮތުން މިއަދު 1،200 އަށް ވުރެ ގިނަ ޓޫރިސްޓުންނާ އެކީ ދެ ކްރޫޒް ލައިނާ އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.