Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ނަޝީދަށް މަރުހަބާ ކިޔަން ޕީޕީއެމްގެ ނަމުގައި ފޭކު މެސެޖުތަކެއް

ރައީސް ނަޝީދު އަދި ރައީސް ޔާމީން- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ނިކުތުމަށްއެދި ޕީޕީއެމްގެ ނަމުގައި ފޭކު މެސެޖުތަކެއް ފޮނުވައިފިއެވެ.

ރައީސް ނަޝީދު މިއަދު ފުވައްމުލައްސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ދިޔުމަށްއެދި ޕީޕީއެމްގެ ނަމުގައި ވަނީ މެސެޖެއް ފޮނުވާފައެވެ. އެގޮތުން އެ މެސެޖުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އެދޭ އެންމެހާ ފަރާތްތަކުން ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ވަޑައިގަތުމަކީ ރައީސް ޔާމީންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ޕީޕީއެމްގެ ނަމުގައި ފޮނުވި ފޭކް މެސެޖު-

މި މެސެޖާ ގުޅޭގޮތުން ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދް ވިދާޅުވީ މި މެސެޖަކީ ޕީޕީއެމަށް އެނގިގެން ފޮނުވާ މެސެޖެއް ނޫން ކަމަށެވެ.

ހީނާ މީގެކުރިންވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ކެމްޕޭންގައި ޕީޕީއެމުން އެހީތެރިކަން ފޯރުކޮށްދޭކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޓީމުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ހަމައެއާއެކު ޕްރައިމަރީގެ ކެމްޕޭންގެ ތެރޭގައި ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން އަންނަނީ ރައީސް ސޯލިހަށް ވޯޓު ދިނުމަށް ސޯޝަލްމީޑިއާގައި ގޮވާލަމުންނެވެ.