Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

6 ރަށެއްގައި އާ ޕްރޮޖެކްޓުތައް ހިންގަން ސޮއި ކޮށްފި

ފޮޓޯ: ރައީސް އޮފީސް

6 ރަށެއްގައި އާ ޕްރޮޖެކްޓުތައް ހިންގަން ކޮންޓްރެކްޓަރުންނާއެކު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސޮއި ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ސޮއި ކޮށްފައިވަނީ ގއ. ވިލިނގިލި، އއ. ތޮއްޑޫ، ރ. ދުވާފަރު، ފ. ނިލަންދޫ، ބ. ދަރަވަންދޫ އަދި ސ. ހިތަދޫގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން ގއ.ވިލިނގިލި އަލަށް އާބާދުވި ސަރަހައްދު އަދި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ. އެ ކުންފުންޏަށް މި ޕްރޮޖެކްތް ހަވާލު ކޮށްފައިވަނީ 43.8 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން ގއ.ވިލިނގިލި އަލަށް އާބާދުވި ސަރަހައްދު އަދި ހިއްކި ބިމުގައި ނަރުދަމާ ހޮޅި އެޅުމާއި، ޕަންޕް ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ސީ އައުޓްފޯލް އެއް އެޅުން ހިމެނެއެވެ.

އއ. ތޮއްޑޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. އެ ކުންފުންޏަށް މި ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ 20.3 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން 750 މީޓަރގެ ޖިއޯޓިއުބް ރިވެޓްމަންޓެއް ޤާއިމްކުރުމާއި 17،000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުން ހިމެނެއެވެ.

ސ.ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ. 350 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަން ފެނަކައާ ހަވާލު ކޮށްފައިވަނީ 21.5 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ސ. ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ޤާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރުތައް ބަހައްޓާ، މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާ ނިޒާމާއި ގުޅާލުން ހިމެނެއެވެ.

މީގެއިތުރުން ބ. ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެމްޓީސީސީއަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 59.9 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ފ. ނިލަންދޫގައި މިހާރު ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ވަނީ ފެނަކައަށް ހަވާލު ކޮށްފައެވެ. އެ މަސައްކަތަކީ 180 ދުވަހުގެ ތެރޭގައި ނިންމުމަށް 42.3 މިލިއަން ރުފިޔާއަށް އެ ކުންފުންޏަށް ދީފައިވާ ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ ދަށުން ފ. ނިލަންދޫގައި 2008 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުމާއި، ޕަންޕްތަކައި އެހެނިހެން ތަކެތި ބަދަލު ކުރުމާއި، ސީއައުޓްފޯލްއެއް އެޅުމާއި އަދި ސްވަރ ޖެޓިންގ މެޝިނެއް ފޯރުކޮށް ދިނުން ހިމެނެއެވެ.

ރ. ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއަށް ހަވާލު ކޮށްފައެވެ. އެމްޓީސީސީއަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 11.4 މިލިއަން ރުފިޔާއަށެވެ.

ހަ ރަށެއްގެ މަޝްރޫއުތައް ހިންގުމަށް އެކި ފަރާތްތަކާއެކު މިއަދު އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މިގޮތަށް ޕްރޮޖެކްޓްތަކުގައި ސޮއި ކުރަމުންދާތީ ސަރުކާރަށް އެކި ފަރާތްތަކުގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.