Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

"ނަޝީދާއި ރައީސް ސޯލިހުގެ ތަފާތެއް ނެތް"

ދުންޔާ މައުމޫން--

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަފާތެއް ނެތް ކަމަށް އެމްއެންޕީގެ ނައިބުރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ދުންޔާ ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ތަފާތެއް ނެތް ކަމަށާއި، ވެރިކަން ހިންގުމުގެ ގާބިލުކަމެއް އެ ދެބޭފުޅުންގެ ކިބައިގައިވެސް ނެތް ކަމަށެވެ.

"ގައުމަށް ދަރާފައިވާ މީހުން ސަރުކާރު ހިސޯރުކުރަން ދޫކޮށްލީ. ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް "ހިލޭ އެހީ" ގެ ގޮތުގައި ދެމީހުންވެސް ދިނީ." ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ އޭނާ ނިސްބަތްވާ، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ، އެމްއެންޕީގެ ސަރުކާރެއް ހިންގާނީ ގާބިލު މީހުންނާ އެކު ކަމަށެވެ.

ދުންޔާ މިފަދައިން ވިދާޅުވެފައިވާއިރު އެމްއެންޕީން އަންނަނީ އެ ޕާޓީގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރަމުންނެވެ. އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމެވެ. އަދި އެމްޑީޕީން އަންނަނީ އެ ޕާޓީގެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ.

މި ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގެ ކެމްޕޭން ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންނަވަނީ ފޯރީގައި ކުރިއަށް ގެންދަވަމުންނެވެ.