Last Updated: January 31, 13:33
Tuesday, January 31, 2023
ޚަބަރު

ފުވައްމުލަކުގައި ރިސޯޓެއް ހަދައި ދޭން ވައުދުވެއްޖެ

ފުވައްމުލަކު ސިޓީގައި ރިސޯޓެއް ހަދައިދޭން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފަހު ދަތުރުގައި މިއަދު ފުވައްމުލަކަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓު ހެދުމަށްފަހު ފުވައްމުލަކު އެއާޕޯޓުން މޫދާ ވީ ސަރަހައްދު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އެތަނުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް އެމްޑީޕީން ހުށަހެޅި ކަމަށެވެ.

އެ ސަރަހައްދު ވަކިކޮށް ކަނޑައަޅާފައިވަނީ 2007 ވަނަ އަހަރުން ފެށިގެން ކަމަށާއި 2018 ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި އެކަން ބަޔާންކުރި ނަމަވެސް މި ފަސް އަހަރު ނިމިގެން މިދަނީ އެކަން ނުކުރެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހުގައި އެތަނުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށޭނެ." ނަޝީދު ވިދާޅުވި އެވެ.

ފުވައްމުލަކު ރައްޔިތުންގެ އަމިއްލަ ވިސްނުމުގައި މުޅި ދުނިޔެ އަށް އެ ރަށް ތައާރަފުކޮށްދީފައިވާ ކަމަށާއި ސަރުކާރުން ހިންގާ ހުރިހާ ޕްރޮމޯޝަނެއްގައި ފުވައްމުލަކު ޓޫރިޒަމްގެ ވާހަކަ އެހެން ވާހަކައެއްގެ ގޮތުގައި މުޅި ދުނިޔެ އަށް ފާހަގަކޮށްދެއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރަށްރަށަށް ގެންނަންޖެހޭ އުމްރާނީ ތަރައްގީ ރަށްރަށަށް ގެންނަަންޖެހޭނެ ކަމަށާއި ނަމަވެސް މައްސަލަ އަކީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ނުވުން ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މަސައްކަތް ކުރާނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.