Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

ޔާމީނަށް އިންސާފު ހޯދައިދޭން ނުފުރޮޅާނެ ގަލެއް ނޯންނާނެ

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯދައިދޭން ނުފުރޮޅާނެ ގަލެއް ނުބާއްވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރާ އިދިކޮޅު ކޯލިޝަނުން މިއަދު ބައްދަލުކުރުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް މިއަދު އޮތް ހަމައެކަނި އުއްމީދަކީ ޔާމީން ކަމަށާއި ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޓަކި ނުޖަހާނެ ދޮރެއް ނުބަހައްޓާނެ ކަމަށެވެ.

"އަޅުގަނޑުމެން ޓަކި ނުޖަހާނެ ދޮރެއް ނުބަހައްޓާނަން. އަޅުގަނޑުމެން ނުފުރޮޅާނެ ގަލެއް ނުބާއްވާނަން މިފަހަރަކު. ސަރުކާރަށް ވެސް އެކަން އެބަ އިނގެންޖެހޭ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ޔާމީނަށް ކުރަނީ ސިޔާސީ ދައުވާތަކެއްކަން މިއަދު ބޭރު ދުނިޔެ އަށް ވެސް އެނގޭ ކަމަށެވެ. އަދި އެމްޑީޕީން ވެރިކަމަށް އަންނަން ވެގެން ދެއްކި ވާހަކަތަކާއި ސަރުކާރަށް އައުމަށްފަހު ކުރާ ކަންކަން ދިމާ ނުވާކަން ވެސް ބޭރު ދުނިޔެ އަށް އެނގޭ ކަމަށާއި ޔާމީނަށް އަނިޔާދޭން ރައްޔިތުން ދެން އިތުރު ފުރުސަތެއް ސަރުކާރަށް ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.

ޔާމީންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.