ސްޓޫޑެންޓް ލޯނު ރީސްޓްރަކްޗާ ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ދީފައި ހުރި ސްޓޫޑެންޓް ލޯނުތައް ސަރުކާރުން ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ލޯނު މައާފުކުރާ ވާހަކަ، އެއެއް ނޭނގޭ ކިހިނެއް ކަމެއް ހެދޭނީ. ސަރުކާރުން އެ ލާރި ބޭންކުތަކަށް ދައްކަން ވެއްޖެ ނަމަ، އެހާ ބޮޑު އަދަދަކަށް އަދިވެސް ނާރާ." ނަޝީދު ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑަށް ފެނޭ އަދި އަޅުގަނޑު ވައުދުވާނަން ސްޓޫޑެންޓް ލޯނު ރީސްޓްރަކްޗާ ކޮށްދޭން. ސްޓޫޑެންޓުންނަށް އޭގެ އިންޓްރެސްޓް ރޭޓާއި ހުރިހާ ކަމެއް އަލުން އަނބުރާ ރީސްޓްރަކްޗާ ވާން."
ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު އެކުލަވާލާ އެމްޑީޕީގެ ސަރުކާރުގައި ސްޓޫޑެންޓް ލޯނު ރީސްޓްރަކްޗާ ކުރާނެ ކަމަށް ހިމަނަން ބޭނުންވާ ކަމަށެވެ. އެކަން ކުރުމަށް ރާވާފައިވާ ގޮތް ވެސް ނަޝީދު މިރޭ ވަނީ ހާމަކުރައްވާފަ އެވެ.
"އިރާދަކުރެއްވިއްޔާ ޕްރިންސިޕަލް އެމައުންޓުން ބައެއް ކަނޑާލާނެ. އިންޓްރެސްޓް ރޭޓުން ބައެއް ކަނޑާލާނެ. ގްރޭސް ޕީރިއަޑެއް ދޭނެ އަދި ރީޕޭމަންޓް ޓައިމް ޕީރިއަޑު އިތުރުކޮށްދޭނެ." ނަޝީދު ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނަށް ލުޔެއް ދީފި ނަމަ އެކަމުން އުފެއްދުންތެރިކަން އިތުރުވާނެ ކަމަށާއި އަދި ދައުލަތަށް ވެސް އެކަން ހަމަޖެއްސޭނެ ގޮތް ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.