Last Updated: October 4, 22:10
Wednesday, October 4, 2023
ޚަބަރު

އައްޑު އަށް ވީ ވައުދުތައް ރައީސް ފުއްދައިފި

އައްޑު އަށް އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުތައް އެމަނިކުފާނު ފުއްދަވާފައިވާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރޭ "ރާއްޖެ ޓީވީ" ގައި ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އެއް މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ އައްޑޫގައި ކަމަށާއި މުޅި އައްޑު މިހާރު ސިފަކުރެވެނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ކަމަށެވެ.

މި މަސައްކަތްތައް ނިމުމުން މީގެ ހުރި ބޮޑު މިންވަރު އިހުސާސް ކުރެވެނޭ ކަމަށާއި 100 ކިލޯމީޓަރުގެ މަގެއް އެއް ހަފްތާތެރޭ ނިންމަން އެއްވެސް ބޭފުޅަކު އުއްމީދު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި މަސައްކަތަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އިތުރުވި ނަމަވެސް ބޭނުމީ އައްޑޫގެ މަގު ހަދަން ކަމަށާއި މަގު ހެދުމުގެ މަސައްކަތް ނިމުމާ އެކު އައްޑޫގެ މަލަމަތި މުޅިން ބަދަލުވެ އައްޑު ވެސް ބަދަލުވެގެންދާނެ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ގަބޫލުކުރަނީ ސަރުކާރުގެ ވައުދުތައް ހާއްސަކޮށް މި ދައުރުތެރޭ ރައީސް އައްޑު އަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިފިއޭ." ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ މެނިފެސްޓޯ ސަރުކާރަށް ހުށަހެޅީ ކައުންސިލުން ކަމަށާއި އެގޮތުން އެ މެނިފެސްޓޯގައިވާ ހުރިހާ ކަމެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. މަސައްކަތްތައް ފަށާ ދުވަހުގެ އަނެއް ދުވަހު ނުނިމޭނެ ކަމަށާއި އައްޑޫގެ ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އައްޑޫގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުން މުޅި އައްޑޫ މިއޮތީ ކޮންސްޓްރަކްޝަން ސައިޓަކަށް ބަދަލުވެފައި. ސައިޓް ކްލިއާ ކުރެވުނީމަ ފެންނާނީ އެހެން މަންޒަރެއް. ފުރިހަމަވެފައި އޮތް ރައްޔިތުންނަށް ފަސޭހައިން އުޅެވެން އޮތް ރީތި ސިޓީ އަކަށް." ނިޒާރު ވިދާޅުވި އެވެ.